09 Jul 2023, 12:20
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް "އީފާސް" ބޭނުންނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަސްމީ ލިޔުމުގެ ގޮތުގައި ބަލައިގަންނާނީ ހަތަރު ލިޔުމެއް ކަމަށެވެ. އެގޮތުން ރަސްމީ ލިޔުމުގެ ގޮތުގައި ބަަލައިގަންނާނީ އައިޑީ ކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓު ކާޑު އަދި ލައިސަންސް ކަމަށް އީސީން ބުންޏެވެ.
"މި ހަތަރު ލިޔުމުގެ ގޮތުގައި ބަލައިގަންނާނީ މުއްދަތު ހަމަނުވާ އަދި ސާފު ފޮޓޯއެއް އިންނަ ލިޔުންތައް" އީސީން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ފޮއްޓަށް މީހަކު ވޯޓުލަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އީސީން ބުނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ޤާނޫނުގައި އީފާސް ބޭނުންކުރާގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް ހުރި އިންތިޚާބުތަކުގައި އީފާސް ބޭނުންކުރުން ހުއްދަ ކުރުމަށް ގޮތެއް ނިންމާނެކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
ބައެއް މުއައްސަސާތަކުން އީފާސް، ރަސްމީ ލިޔުމެއްގެ ގޮތުގައި މިހާރު އަންނަނީ ބަލައިގަންނަމުންނެވެ. އެގޮތުން އީފާހަކީ މިހާރު ގިނަ ބަޔަކު ބަރޯސާވަމުން އަންނަ ލިޔުމެއްކަމުން އީސީން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ރައްޔިތުންގެ ފަރާތުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ގޮސްފިނަމަ އެމަހުގެ 30 ވަނަ ދުވަހު ބާއްވާގޮތަށް އީސީން ވަނީ ކަނޑައަޅާފައެވެ.