09 Jul 2023, 10:12
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ކަމަށް އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓުގައި ތިބި މީހުންނާ އެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ނަން ހިމެނިފައިވާ މީހުންގެ ތެރެއިން، "ޝަރުތުހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުން އެ ލިސްޓުގައި ހިމެނޭ ގޯތި ލިބޭ މީހުންނާ އެކު ޖޮއިންޓްވުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން، "ސަން"އަށް މިއަދު ވިދާޅުވީ ގޯތި ނުލިބޭ މީހުން ވެސް ޝަރުތު ހަމަވާނަމަ ޖޮއިންޓް އެޕްލިކޭޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން ނިންމާފަ އޮންނާނީ ހަމައެކަނި ގޯތި ލިބޭ ފަރާތްތަކަށް އެކަނި ޖޮއިންޓް ވެވޭ ގޮތަށް. މިހާރު މި ގެނައި ބަދަލަކީ އާއިލާގެ މީހަކަށް ގޯތި ލިބިފަ ވާނަމަ އެމީހަކާ އެކު ޖޮއިންޓް ވުމުގެ ފުރުސަތު. އެއީ ޝަރުތު ހަމަވެ ގޯތި ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ މި އޮތީ،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ވަގުތީ ލިސްޓްގައި ހިމެނޭ "ޝަރުތު ހަމަވެ ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" މީހުންގެ ތެރެއިން "ގޯތި ލިބޭ" ފޯމުގެ ލީޑިން އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
"ބިންވެރިޔާ" ސްކީމަކީ އަދުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުވާލި ފުރުސަތެކެވެ. އެގޮތުން، ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދޭން ހޮވާ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ.
އެގޮތުން، ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އެޕްލިކޭޝަން ހުށަހެޅި މީހުންނާއި ޖޮއިންޓް އެޕްލިކޭޝަނަށް ހުށަހެޅި މީހުންނާއެކު ގޯތި ލިބޭ މީހުންގެ ލިސްޓުގައި 10314 މީހުން ހިމެނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި 19857 އެޕްލިކޭޝަންގެ ތެރެއިން 12794 އެޕްލިކޭޝަންގެ ޝަރުތު ހަމަވެއެވެ.
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ދާއިމީ ލިސްޓު އިއުލާނު ކުރާނީ ޝަކުވާތައް ބެލުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.