މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 14.2 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ "ޓޫރިސްޓު އެރައިވަލް" ތަފާސްހިސާބަށް ބަލާއިރު، ޖުލައިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 952،608 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 14.2 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖުލައި ފަހެއްގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 834،186 ގައެވެ. ތަފާސްހިސާބަށް ބަލާއިރު، އޭޕްރީލް މަހަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ޤައުމުގެ ތެރޭގައި ހިމެނެނީ:

  • އިންޑިއާ: 112،771

  • ރަޝިއާ:111،519
  • އިނގިރޭސިވިލާތް: 81،707
  • ޗައިނާ: 67،822
  • ޖަރުމަނުވިލާތް: 67،064

ކުރިއަށް މިދަނީ ރާއްޖޭގެ ފަތުރުވެރިންގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް ދުވަހެއް ދުވަހަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ޖުލައިމަހުގެ ފަސްދުވަހަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު ރާއްޖެއަށް 4،600 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ތައިލެންޑްގެ ރިސޯޓެއްް-- އެހެންޤައުމުތަކުން ވަނީ ރާއްޖޭގެ ޓޫރިޒަމް ކޮންސެޕްޓް ކޮޕީކުރަން ފަށާފައި

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން މި ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ޓްރެވަލް އޭޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ، މިހާރުގެ ފޯކާސްޓަށް ބަލާއިރު، ނޮވެމްބަރު މަހަށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާނޭކަމަށެވެ.

"މިއަހަރު މިދުވަސްކޮޅު މި ފެންނަނީ ވަރަށް ދަށްކޮށް. ޓޫރިޒަމް ސިނާއަތުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސިނާއަތުގެ ކުންފުނިތަކާ ގުޅިގެން އެބަޖެހޭ ރަނގަޅު މަސައްކަތްތަކެއް ކުރަން. ޖަޕާނުންނާއި ދެކުނު ކޮރެއާއިންވެސް އެބަޖެހޭ ފަތުރުވެރިން އަންނަ އަދަދު އިތުރުކުރަން" ފިރާގު ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން އަންނަކަމަށް ޓްރެވަލް އޭޖެންޓުން ފާހަގަކުރާއިރު، ޗައިނާ ކޮރެއާ، ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެމެރިކާ މާކެޓަށް ބަރޯސާވާކަމަށް ބައެއް ޓްރެވަލް އޭޖެންޓުން ވަނީ މީގެކުރިން ފާހަގަކޮށްފައެވެ. ސަބަބެއްކަމަށް ޓްރެވަލް އޭޖެންޓުން ބުނަނީ ރާއްޖޭގެ ރޭޓްތައް މަތިވުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން މީގެކުރިން "ސަން" އާ ވާހަކަދައްކަވަމުން ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާގެ ރައީސް ޢަބްދުﷲ ގިޔާސް ވިދާޅުވީ، ދެކުނު ކޮރެއާ، ޗައިނާ، އަދި ޖަޕާން ފަދަ ޤައުމުތަކުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ނައިސް އެހެން ދިމަދިމާލަށް ދަތުރުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން މިކަމާ ގުޅޭގޮތުން ދިރާސާއެއް ހަދަމުން އަންނަކަން ގިޔާސް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަކީ އެއްވަނަ މަންޒިލެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮންސެޕްޓަށް ބައެއް ޤައުމުތަކުގައި ވަނީ ރިސޯޓް ހަދައި ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. މިގޮތުން މިކަމަކީ މިއަދު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށްވެސް މިދާއިރާގެ ޓްރެވަލް އޭޖެންޓުން ފާހަގަކުރެއެވެ.