02 May 2012, 16:21
ވޮޝިންގޓަން (މޭ 2): ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި މުސްލިމުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެމެރިކާގައި ޝާއިޢުކުރި ތަފާސްހިސާބުތަކަކުން ހާމަވެއްޖެވެ.
އެމެރިކާގެ ރައްޔިތުން ޤަބޫލުކުރާ ދީންތަކާ ބެހޭ ތަފާސްހިސާބުތައް ބަލަހައްޓާ މަޝްހޫރު ޖަމްއިއްޔާއަކުން ޝާއިޢުކުރި ތަފާސްހިސާބުގެ ރިޕޯޓެއްގައިވާ ގޮތުން 2010ގައި އެމެރިކާގެ މުސްލިމުންގެ ޢަދަދު ވަނީ 2.6 މިލިޔަނަށް އަރާފަ އެވެ. ދެހާސް ވަނަ އަހަރު އެމެރިކާގެ މުސްލިމް އާބާދީގެ ޢަދަދަކީ އެއް މިލިޔަނެވެ.
މިރިޕޯޓް ބުނާ ގޮތުން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މުސްލިމުންގެ ޢަދަދު މިހާރު ވަނީ ޔަހޫދީންނަށް ވުރެ އިތުރުވެފަ އެވެ. އެމެރިކާގައި އެކިއެކި ދީންތައް ޤަބޫލުކުރާ މީހުންގެ ނިސްބަތަކީ 85 ޕަސެންޓެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ 158 މިލިޔަން މީހުން އެމެރިކާގައި އުޅޭ ކަމަށްވެ އެވެ.
މިރިޕޯޓް ބުނާ ގޮތުން އެމެރިކާގެ އާބާދީގައި އެންމެ ގިނައީ ނަސާރާއިންނެވެ. އެމެރިކާގައި އެންމެ ބޮޑަށް އަދި ހަލުއިމިނެއްގައި ފެތުރެމުން ދަނީ އިސްލާމްދީނެވެ. އިސްލާމްދީން އާރޯކަމާއި ހަލުއިކަމާ އެކު ފެތުރެމުންދާއިރު އިސްލާމްދީން ފެތުރެނީ ގިނަ ބަޔަކު އިސްލާމް ދީން ޤަބޫލުކޮށް އިސްލާމްވަމުން ދިޔުމުންނާއި އެމެރިކާ އަށް ހިޖްރަކުރާ މުސްލިމުންގެ ޢަދަދު ގިނަކަމުންނެވެ.
މިރިޕޯޓް ބުނާ ގޮތުން އެމެރިކާގައި އިސްލާމްދީން ފެތުރި މިސްކިތްތަކަށް އަރާމީހުންގެ ޢަދަދު އިތުރުވަމުންދާއިރު ފައްޅިތަކަށް ދާމީހުންގެ ޢަދަދު ދަށްވެ އެކަން ދަނީ ހީނަރުވަމުންނެވެ. އަދި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި ވަޙްދަތާއި ގާތްކަމާއި އަޚުވަންތަކަމާއި އިސްލާމީ ރޫޙު އާލާވަމުންދާ އިރު ނަސާރާއިންނާއި އެހެން ދީންތަކުގެ މީހުންގެ މެދުގައި ދީނީ ރޫޙާއި ދީނީ އަޚުވަންތަކަން ވަރަށް ކުޑަކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. (އަލްޖަޒީރާ)