09 Jul 2023, 08:46
އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލް ކުޅޭ ރާޖްކުމާރު ހިރާނީގެ ފިލްމު ބޮޑު އަގުގައި ޖިއޯ ސިނަމާއަށް ވިއްކާލައިފިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ތަޖުރިބާކާރު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ" ޖިއޯ ސިނަމާއަށް ވިއްކާލާފައިވަނީ 155 ކްރޯޑް ރުޕީސްއަށެވެ. މިފިލްމަކީ، މިއަހަރު ރިލީޒްކުރެވޭ ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ތެރެއިން ގިނަބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ. ފިލްމު ޖިއޯ ސިނަމާއިން ދައްކާނެ ވަކި އިރެއް ހާމަކޮށްފައިނުވާއިރު ސިނަމާތަކަށް މިފިލްމު އަންނާނީ މިއަހަރުގެ ޑިސެމްބަރު 22ގައެވެ.
ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ"ގެ ރައިޓްސް ޖިއޯ ސިނަމާއަށް ވިއްކާލާފައިވާއިރު މިއީ މިހާތަނަށް އެއް ބަހުރުވައަކުން އުފެއްދި ފިލްމެއް ބޮޑު އަގެއްގައި ޑިޖިޓަލް ޕްލެޓްފޯމްއަކުން ގަތް ފުރަތަމަ ފަހަރުވެސްމެއެވެ. އޭގެ ސަބަބެއްކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ރާޖްކުމާރު ހިރާނީއާއި ޝާހުއަކީ ހިންދީ ސިނަމާގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ނަންކަމަށެވެ. ހަމައެއާއެކު ހިންދީ ސިނަމާގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ދެ ގްލޯބަލް އައިކަން އެކުވެގެން ގެނެސްދޭ އުފެއްދުމަކީ ވަރަށް ވަރުގަދަ އުފެއްދުމަކަށްވާނެކަމަށް ގަބޫލުކުރެވޭކަމުގައި ރިޕޯޓުތަކުންވަނީ ބުނެފައެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ މިފިލްމަކީ، ޝާހުގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ ފިލްމެކެވެ. އަދި ފިލްމުގެ އުފައްދަނީވެސް ޝާހުއާއި ގޯރީގެ އަމިއްލަ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓްގެ ދަށުންނެވެ. ކޮމެޑީ ޑްރާމާ ޖޯންރާއަށް ބިނާކޮށްގެން އުފައްދާ މިފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭގައި ބަތަލާ ތާޕްސީ ޕަންނޫ، ވިކީ ކޯޝަލް އަދި ބޮމަން އިރާނީ ހިމެނެއެވެ.