02 May 2012, 16:06
ލީގުގެ ފުރަތަމަ މެޗުން ބަލިވެ، ދެ ވަނަ މެޗުން އެއްވަރުވީ ނަމަވެސް، ލީގާ މެދު މާބޮޑު ހާސްކަމެއް ނެތް ކަމަށް ވީބީ އައްޑޫ އެފްސީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
ލީގުގައި މާދަމާ ހަވީރު އޭވައިއެލްއާ ދެކޮޅަށް ނިކުތުމުގެ ކުރިން މިއަދު މެންދުރު ފަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެނޭޖަރު ސަތޯ ބުނީ، ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ރަނގަޅު ކާމިޔާބީއެއް އަދި ލިބިފައި ނުވިނަމަވެސް މާބޮޑު ހާސްކަމެއް ވީބީގައި ނެތް ކަމަށާއި މާދަމާ އޭވައެލްއާ ދެކޮޅަށް ނިކުންނާނީ ވެސް މިއަހަރުގެ ސީޒަނަށް ވީބީން ތައްޔާރުވި ގޮތައް ކަމަށެވެ.
" ފުރަތަމަ ދެމެޗުން ރަނގަޅު ކާމިޔާބީއެއް ނުލިބުނަސް ވީބީން ހާހެއް ނުވާނެ. އެއީ މާ ބޮނޑު މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. ލީގުގައި އަދި ވީބީ އުޅެނީ ހަމައަކަށް ނޭޅިގެން" ސަތޯ ބުންޏެވެ.
އޭވައެލްއާ ދެކޮޅަށް މާދަމާ ވީބީން ކުރިމަތިލާއިރު، އެޓީމުގެ އިސްމާއިލް މުހައްމަދު (އިއްސޭ) އަދި ސޮބާހް މުހައްމަދަކަށް ނުކުޅެވޭނެއެވެ. އެގޮތުން އިއްސޭއަށް ނުކުލެވެނީ އޭނައަށް ލިބިފައިވާ އަނިޔާއިން އަދި މުޅިން ފިޓް ނުވާތީއެވެ. އަދި ސޮބާއަށް ނުކުޅެވެނީ އެންމެ ފަހުން ވިޔަންސާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑު ގެ ސަބަބުން އެއް މެޗަށް ސަސްޕެންޑް ކޮށްފައި ވާތީއެވެ.
ސަތޯ ބުނީ، އޭވައިއެލް މެޗަށް ތައްޔާރު ވުމުގެ ގޮތުން ވީބީން ވިލިމާލޭގަ އާއި ހުޅުމާލޭގައި ޓްރޭނިން ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މާދަމާ ގެ މެޗަށް ނިކުންނާނީ މޮޅެއް ހޯދުމުގެ ފުރިހަމަ އަޒުމާއެކު ކަމަށެވެ. އަދި މާދަމާ މެޗުގެ ތިން ޕޮއިންޓް ވީބީއަށް ވަރަށް މުހިންމު ކަމަށް ވެސް ސަތޯ ބުންޏެވެ.
އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ މާދަމާގެ މެޗާ ކުރިމަތިލާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި އަދި މާދަމާގެ މެޗަށް ޓީމް އޮތީ ވަރަށް ފުރިހަމއަށް ތައްޔާރު ވެގެން ކަމަށެވެ. އަދި މިވަގުތު ޓީމުގައި ސީރިޔަސް އަނިޔާއެއް ނެތް ކަމަށް ވެސް އާތީ ބުންޏެވެ.
އޭވައިއެލްއާ ދެކޮޅަށް ވީބީން މާދަމާ ކުރިމަތިލާއިރު، ލީގް ތާވަލްގައި އެޓީމް އޮތީ ފަހަތުން ދެ ވަނައިގައި ، އެއް ޕޮއިންޓާއެކު އެވެ. އަދި އޭވައެލް އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.