08 Jul 2023, 18:50
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓު ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 49 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރިލް މަހުގައެވެ. އަދި މިދިޔަ މެއި މަހުގެ 31ގައި މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ 49 އެޕްލިކޭޝަންގެ ތެރެއިން އިވެލުއޭޝަނަށް ޝަރުތު ހަމަވީ 31 އެޕްލިކޭޝަންގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ އެންމެ ގިނައިން އެޕްލިކޭޝަންތައް ހުށަހަޅާފައި ވަނީ އެންޖީއޯތަކުން ކަމަށެވެ. އަދި ސްކޫލްތަކުން 13 ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު ކައުންސިލްތަކުން ފަސް އެޕްލިކޭޝަނާއި އަމިއްލަ ފަރާތްތަކުން ހަތަރު އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިހާރު ދަނީ އެޕްލިކޭޝަންތައް ރިވިއު ކުރުމުގެ މަސައްކަތް. ރިވިއުކުރުމުގައި ދެ މަރުހަލާއެއް ހިމެނޭއިރު މިހާރު ކުރިއަށްދަނީ ފަހު މަރުހަލާ،" އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެއެވެ. އެގޮތުން ޕޮއިންޓް ދިނުމުގައި އދ.ގެ ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓްދީ، އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ރާވައި ތަންފީޒުކުރާ ގޮތަށް 30 ޕަސެންޓު ދޭނެއެވެ.
އެމްޕީއެލްގެ މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ހަ ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު މި މުއްދަތުގައި 10 މަޝްރޫއަށް ފަންޑިން ދޭނެއެވެ. އެއީ 50،000 ރުފިޔާގެ ކުދި އަށް މަޝްރޫއުއާއި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށެވެ.