08 Jul 2023, 18:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 'އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023' މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކ. ތުލުސްދޫގައެވެ.
މުބާރާތް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު އެ މަނިކުފާނު ވަނީ މުބާރާތަށް ތައްޔާރުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ އެ މަނިކުފާނަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

'އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މިރަސްމިއްޔާތުގެ ތެރެއިން، ކުރިޔަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތްލީޓުން ބައިވެރިވެފައިވެއެވެ. ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ، އެތުލީޓުން ތަފާތު ސަގާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫޙާއި އެއްބައިވަންތަކަމެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްއަކީ، 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ގައުމަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭޝިއާ ސާފިން ފެޑެރޭޝަންގެ ރައީސާއި މުބާރާތުގައި ބައިވެރިވި ގައުމުތަގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.