02 May 2012, 15:57
އެމްޑީޕީގެ ގައުމީ މަޖިލީހުން ކުއްލި ވޯޓެއް ނަގައި އެމްޑީޕީގެ ރައީސްކަމުން މިދިޔަ ހޯމަ ދުވަހު ވަކު ކުރި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އިލެކްޝަންސް ކޮމިޝަނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ނަމަވެސް ޑީޑީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ އޭނާ މަގާމުން ވަކި ކުރި މައްސަލަ ހުށަހަޅުއްވަން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފުވާގޮތެއްނުވެ އެވެ. މި ވަގުތު ޑީޑީ ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ އެތެރޭގަ އެވެ.
ޑީޑީ މަގާމުން ވަކި ކުރި ދުވަހު ސަން އޮންލައިންއާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ އޭނާއަކީ އަދިވެސް އެމްޑީޕީގެ ރައީސް ކަމަށާއި އޭނާ ވަކި ކުރި މައްސަލައިގައި އެޅޭނޭ ގާނޫނީ ފިޔަވަޅުތަކެއް ބައްލަވައި އެ މަގުން މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އިއްޔެ ސަން އޮންލައިންއަށް ވިދާޅުވެފައި ވަނީ ޑރ. ޑީޑީ އާއި އަލްހާން މަގާމުން ވަކި ކުރީ އެމްޑީޕީ އަސާސީ ގަވާއިދާ އެއްގޮތައްތޯ ބައްލަވާނޭ ކަމަށެވެ.
ޕާޓީގެ ރައީސް ޑރ.ޑީޑީ އާއި އަދި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސް މުހަންމަދު ނަޝީދާ ގާތުން މަސައްކަތްކުރައްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާއްމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. އަދި އެ މައްސަލަ އަށް ތާއީދު ކުރެއްވީ ރައީސް ނަޝީދުގެ އެންމެ ކައިރީގައި ގެންގުޅުއްވާ ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ. އެ ގަރާރު ފާސްވެފައި ވަނީ ޖަލްސާ އަށް ވަޑައިގަތް 70 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.