22:20


ގާނޫނު އަސާސީގައި ކަނޑައަޅައިފައިވާ އިންތިގާލީ މަރުހަލާ މާދަމާގެ ނިޔަލަށް ހަމަވާއިރަށް، ފަނޑިޔާރު ކަމަށް ޝަރުތު ހަމަވަނީ ކޮން ބޭފުޅުންނެއްތޯ އާއި ޝަރުތު ހަމަނުވަނީ ކޮން ބޭފުޅުންނެއްތޯ ބައްލަވައި ނިންމައިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.


އެ ކޮމިޝަނުގެ ރައީސް މުޖުތާޒު ފަހުމީ ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިރޭ ވިދާޅުވީ، ކޮމިޝަނުން ވަކިވަކިން ބަލަން ނިންމި 38 ބޭފުޅުން ވޭތުވެދިޔަ ތިން ރޭގެ މަތިން ބައްލަވައި ނިންމަވާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަނުވަނީ ވަރަށް މަދު ބޭފުޅުން ކޮޅެއް ކަމަށެވެ. ނަމަވެސް ޝަރުތު ހަމަނުވަނީ ކިތައް ބޭފުޅުންކަން ކުއްލިއަކަށް ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.  


"އަޅުގަނޑު ހަނދާންވާ ގޮތުގައި ޝަރުތު ހަމަނުވާ ތިއްބަވާނީ ހައެއްކަ ވަރަކަށް ބޭފުޅުން،" ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.


މުޖުތާޒު ވިދާޅުވީ ޝަރުތު ހަމަވާ ކަމަށް ކޮމިޝަނުން ކަނޑައެޅުއްވި ބޭފުޅުން ހުވާކުރެއްވުމުގެ ކަންތައް މާދަމާގެ ވަގުތެއްގައި ހަމަޖައްސަވާނެ ކަމަށެވެ.