އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ އިންސާފުވެރި އިންތިޚާބަށް ވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

"އިންތިޚާބީ ޕްރޮސެސް ހަމަ އެއްވެސް ޝައްކެއް ވަސްވާހެއް ނެތް މިންވަރަށް، މިހާ ޓްރާންސްޕޭރެންޓުކޮށް ހިނގާ ތަނެއް މުޅި ދުނިޔޭގަ ވެސް ނޯންނާނެ. ދުނިޔޭގެ ފެންވަރުގަ ވެސް މިއީ ހަމަ ނަންބަރު ވަން. އަޅުގަނޑަށް ދެންނެވޭނީ އެހެން. މި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގަ އަޅުގަނޑަކީ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގަ ވޯޓުލީ އިރު އެކަން އޮބްޒާވް ކޮށްފަ ހުރި މީހެއް. އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ ހަމަ ނަންބަރު ވަން އަށް ރާއްޖެ ވާނެއޭ،" ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުގެ ސަޙަ ކަމާމެދު އެއްވެސް ފަރާތަކުން ސުވާލު އުފެއްދިޔަސް އެފަދަ އެއްވެސް ޖާގަައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމަށްފަހު ބާކީ ހުންނަ ވޯޓު ކަރުދާހަށް ބާރު ފޯރުވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބުނެ ޕީޕީއެމް، ޕީއެންސީން ޝަކުވާ ހުށަހަޅާފައިވާތީ، އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެކަން ހުރިހާ ރައްޔިތުންނަށް ޔަގީންކުރެވޭނެ ގޮތަށް ކަންކަން ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން އެ ކޮމިޝަނުން ނިންމާފައި ވަނީ ވޯޓުލާ ނިމުމުން ބާކީވާ ވޯޓު ކަރުދާސްތައް ވަގުތުން ޕަބްޗު ކުރުމަށެވެ. ހަބީބު ވިދާޅުވީ އެފަދައިން އަމަލުކުރުމުން ޕީޕީއެމް، ޕީއެންސީން ސުވާލު އުފެއްދި ކަންކަމަށް ވެސް ހައްލު ލިބުނީ ކަމަށެވެ.

"100 ޕަސެންޓް ޝައްކު ކުރުމުގެ ފުރުސަތެއް ނޯންނާނެ. މި އެންމެންގެ ކުރިމަތީ މި ޕްރޮސެސް މި ހިނގަނީ. އެންމެ ފުރަތަމަ އެންމެން ކުރިމަތީ ވޯޓުފޮށި ހުޅުވާފަ މި ދައްކަނީ އޭގަ އެއްޗެއް ނެތްކަން އެނގޭނެ. ދެން ވޯޓުލާން މީހުންނަށް މި ގޮވަނީ. ވޯޓުލާ މީހުންގެ ލިސްޓް އޮންނާނެ ކެންޑިޑޭޓުން ސޮއި ކޮށްފަ. ލިސްޓު އޮންނާނެ ޕާޓީގެ ކެންޑިޑޭޓުން މަންދޫބުން އަތުގަ. މީހާގެ ނަމާއި އެޑްރެހާއި އެކީގަ ގޮވާލީމަ އެނގޭނެ އެ މީހާކަން އެ އަންނަނީ. އެހެން މީހެއްނަމަ އެނގޭނެ ނޫންތޯ. ރަށްރަށުގަ މައްސަލަ ޖެއްސޭނެ ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބުގެ ކަންކަމާ ގުޅޭ އެއްވެސް ތާރީޚަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރުގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވަން ނިންމަވާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ކަނޑައެޅިޔަސް ޝަރީއަތުން މައްސަލަ ނުނިމޭތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށެވެ. އަދި އޭގެބަދަލުގައި ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.