ޓެލްއަވީވު (8 ޖުލައި 2023): އިސްރާއީލު ސިފައިންގެ މައުނަވީ ރޫހު ބަލިކަށިވެ ހުޅަނގު އައްސޭރީގެ ރެފިއުޖީ އަވަށްތަކުން މިހާރު ނުކުންނަ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޒުވާނުންނާ ކުރިމަތިލުމަށް އިސްރާއީލު ސިފައިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި ސިފައިންގެ ގާބިލުކަން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާކަމަށް އިސްރާއީލުގެ ނޫސްތައް ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރީ އަދި މަދަނީ ގިނަ މުހައްލިލުންނާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތައް ބުނިގޮތުގައި މިދިޔަ ހަފުތާއާއި އޭގެކުރީ ހަފުތާގައި ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ އަވަށުގައި ފަލަސްތީނުގެ ޒުވާން މުޖާހިދުންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަންގައި އިސްރާއީލު ސިފައިންވަނީ ވަރަށް ބޮޑަށް ނުކުޅެދި ނާކާމިޔާބުވެ އަދި މަގްސަދު ހާސިލުނުވެ ޖެނީނުން ފާބައި އޮޕަރޭޝަން ނިންމާލަން ޖެހިފައެވެ.

އިސްރާއީލުގެ މުހައްލިލުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ 18 އަހަރުން ދަށުގެ ފަލަސްތީނުގެ ހޫނުލޭގެ ޒުވާނުންނާ ކުރިމަތިލުމަށް އިސްރާއީލު ސިފައިން ނުކުޅެދިފައިވާ ނުކުޅެދުމަށެވެ.

މިހެން ބުނަން އިސްރާއީލުގެ މުހައްލިލުންނަށް މަޖުބޫރުވީ ފަލަސްތީނުގެ 18 އަހަރުންދަށުގެ ޒުވާނުންނަށް ހަމަލާދިނުމަށްޓަކައި ޖެނީން ރެފިއުޖީ އަވަށުގެ އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ އެގެތަކުގައި ފިލައިތިބެ އެގެތަކުގެ ފާރުން ބާގަނޑުތައް ހަދައިގެން އެގެތަކުގެ އާންމުން ކުރިމަތީގައި ބައިތިއްބައި އެމީހުން އިންސާނީ އައްޑަނައަކަށް ހަދައިގެން ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާ ދޭ މަންޒަރުތަކުގެ ވީޑީއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މިމައްސަލާގައި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ރެޕަޓުއާ އާއި އިންސާނީ ހައްގުތަކާބެހޭ ކައުންސިލުންވަނީ އިސްރާއީލު ސިފައިން ޖެނީންގައި ހިންގީ ހަނގުރާމައިގެ ޖަރީމާކަމަށް ތުހުމަތުކޮށް މިމައްސަލަ ތަހުގީގުކުރުމަށް ގޮވާލާފައެވެ.

ޖެނީން އަވަށުގެ ބައެއް ރެފިއުޖީން ބުނިގޮތުގައި މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އަތުނުލެވި އެމީހުންގެ ހަމަލާތަކާ ކުރިމަތިލާން ޖެހުމުން އިސްރާއީލު ސިފައިން ތިބީ މަރުވެދާނެކަމަށް ވަރަށްބޮޑަށް ބިރުގަނެ ފިނޑިވެ ޖެހިލުންވެފައެވެ.

އެހާލަތުގައި އިސްރާއީލު ސިފައިން ހެދިގޮތަކީ ޖެނީންރެފިއުޖީ އަވަށުގެ އާންމުން ނިވައިފަތްގަނޑަކަށް (އިންސާނީ އައްޑަނައަކަށް ހަދައިގެން) ފަލަސްތީނުގެ ޒުވާނުންނާ ކުރިމަތިލުމެވެ. ރެފިއުޖީން ކުރިމަތީގައި ބައިތިއްބައިގެން ފިލައިތިބެ ފަލަސްތީނުގެ ޒުވާނުންނާ ކުރިމަތިލުމެވެ. އެމީހުންނަށް ހަމަލާދިނުމެވެ. ފަލަސްތީނުގެ ގިނަ ބަޔަކު ޒަޚަމްވީ މިކަމުގެ ސަބަބުންނެވެ.

އިސްރާއީލު ހިންގި އިސްތިއުމާރީ އޮޕަރޭޝަންގައި ދެދުވަހުގެ ތެރޭގައި ފަލަސްތީނުގެ 150 މީހުން ޒަޚަމްވިއެވެ. 13 މީހަކު ޝަހީދުވިއެވެ. ޖެނީން ރެފިއުޖީ އަވަށުގައި އިސްރާއީލުގެ އަޅުވެތިކަމަށް ގޮންޖެހީ ނިސްބަތުން މަދު އަދަދެއްގެ ފަލަސްތީނުގެ 18 އަހަރުން ދަށުގެ ޒުވާނުންނެވެ.

ނަމަވެސް އެޒުވާނުންނާ ކުރިމަތިލުމަށް އިސްރާއީލު ސިފައިން އެއްހާސް ސިފައިންގެ ލަޝްކަރަކާ އެލަޝްކަރާއެކު ހެލިކޮޕްޓަރުތަކާއި އަސްކަރީ ޑްރޯންތައް ފޮނުވިއެވެ. އެތަކެތި ބޭނުންކޮށްގެން އޮޕަރޭޝަން ހިންގިއިރު ފަލަސްތީނުގެ ޒުވާނުންގެ އަތުގައި އޮތީ އެމީހުން އަމިއްލައަށް ރެފިއުޖީ އަވަށުގައި އުފެއްދި އާދައިގެ ބަޑިއާއި ބޮންތަކެކެވެ.

އެބޮންތައް ބޭނުންކޮށްގެން އިސްރާއީލުގެ ޒަމާނީ އާމެޑް ވެހިކަލެއް ގޮއްވާލައި އިސްރާއީލު ސިފައިންގެ އޮފަސަރަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލިއެވެ. އަދި ވަރަށް އާދައިގެ ރޮކެޓް ބޭނުންކޮށްގެން އިސްރާއީލުގެ ހަތަރު ޑްރޯން ވައްޓާލިއެވެ.

އެންމެފަހުން އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަން ހުއްޓާލަން މަޖުބޫރުވީ ފަލަސްތީނުގެ ހަނގުރާމަވެރި ޒުވާނުން ހައްޔަރު ނުކުރެވިއެވެ. އެމީހުން ގެ ބަދަލުގައި ޖެނީން ރެފިއުޖީ އަވަށުގެ އާންމުންގެ ގިނަ ބަޔަކު ހައްޔަރުކޮށްގެންނެވެ.

ޖެނީންގައި އިސްރާއީލަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އިސްރާއީލުގެ ކެބިނެޓްގައިވެސް ދިފާއީވަޒީރާއި އެނޫން ވަޒީރުންނާ ދެމެދު ވަރުގަދަ ޒުވާބުތަކެއް ހިނގިކަމަށްވެއެވެ.

އިސްރާއީލުންވަނީ މި އޮޕަރޭޝަނަށްފަހު ހުޅަނގު އައްސޭރީގެ އެހެން ބައެއްތަންތަނުން ފަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލާފައެވެ. ނަމަވެސް އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުގައި ފަލަސްތީނުގެ މުޖާހިދުން އިއްޔެވަނީ ކާމިޔާބު ހޯދާފައެވެ.

ޖެނީން ރެފިއުޖީ އަވަށުގައާއި ހުޅަނގު އައްސޭރީގެ އެކި ތަންތަނުން މިހާރު ފެންނަމުންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޅިން އައުޖީލެއްގެ މުޖާހިދުންނެވެ. ވަރަށް ޅަ ކުދިންނެވެ. އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އެޒުވާނުންނަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މަޝްހޫރު ޖަމާއަތްތައްކަމަށްވާ ހަމާސް އާއި އިސްލާމިކް ޖިހާދުއާއި އަގްސާ ބްރިގޭޑް މާޓީސް ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އެޒުވާނުންނަކީ ހުޅަނގު އައްސޭރީގެ ރެފިއުޖީ އަވަށްތަކުގައި ވިހައި އިސްރާއީލުގެ އަނިޔާވެރިކަމުގައި ވަރަށް ހާލުގައި ބޮޑުވެފައިވާ ކުދިންނެވެ.

އެކުދިން މިނިކާވަގު ފަދައިން އެއްވެސް ޖެހިލުމެއްނެތި އިސްރާއީލު ސިފައިންގެ ކުރިމައްޗަށް ނުކުމެ އެމީހުންނަށް ހަމަލާދީފައި ފިލައެވެ. އެކުދިންނާ ކުރިމަތިލުމުގައި އިސްރާއީލު ސިފައިންގެ ފަރާތުން ފެންނަނީ ޖެހިލުންވުމާއި މަރަށް ބިރުގަތުމާއި ހާސްކަމާއި ލަސްކަމާއި ނުފަރިތަކަމާއި ނުކުޅެދުމެވެ.

ފަލަސްތީނުގެ ގެތަކަށްވަދެ ފަލަސްތީނުގެ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށްގެން ނޫނީ ފަލަސްތީނުގެ މި ޒުވާނުންނާ ކުރިމަތިލާން އިސްރާއީލު ސިފައިންނަކަށް ނުކެރެއެވެ.

އިސްރާއީލުގެ މުހައްލިލުން އިސްރާއީލު ސިފައިންގެ ގާބިލުކަން ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާކަމަށް ބުނަން މަޖުބޫރުވީ މިމަންޒަރު ތަކުރާރުކޮށް މިހާރުގެ ކުރިމަތިލުންތަކުން ފެންނަމުންދާތީއެވެ.

ފަލަސްތީނުގެ ޒުވާން މުޖާހިދުން އިސްރާއީލުގެ ވެރިންނަށާއި އިސްރާއީލުގެ ސިފައިންނަށް ގޮންޖަހާފައި ބުނަނީ ކިތަންމެ އަނިޔާއެއް ދިނަސް އަދި ކިތަންމެ ގެދޮރެއް ވައްޓާލިޔަސް އަދި ކިތަންމެ ބަޔަކު ކޮންމެ ދުވަހަކު ޝަހީދުކުރިޔަސް ފަލަސްތީނު މިނިވަންކުރަން އެމީހުން ފަށާފައިވާ މިނިވަންކަމުގެ ޖިހާދު ނުހުއްޓުވޭނެކަމެވެ. އެޒުވާނުންގެ އަޒުމާއި ރޫހު ގުޑޫވާނުލެވޭނެކަމެވެ.

އެމެރިކާ އިސްރާއީލު ސިފައިންނަށް އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުތައް ދޭއިރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަށް އެހީތެރިވުމަކީ މުޖާހިދުންނަށް އެއްވެސް ބާވަތެއް ހަތިޔާރެއް ދިނުމަކީ ޓެރަރިޒަމް ކަމަށް އިސްރާއީލާއި އެމެރިކާއާއި ޔޫރަޕުން ސިފަކުރެއެވެ.

މިހާރު މިފެންނަ މަަންޒަރުތަކުން ހާމަވާގޮތުގައި ފަލަސްތީނަށް ކިރިޔާވެސް ރަނގަނޅުވަރެއްގެ ހަތިޔާރެއް ލިބިއްޖެނަމަ ކުރުމުއްދަތެއްގެ ތެރޭގައި ފަލަސްތީނު މިނިވަންކުރެވުމުގެ އިތުރުން ފަލަސްތީނަށް ވެރިވެގެނެގެންއުޅޭ އިސްރާއީލުގެ ޔަހޫދީގެ ކަށިކޮޅުވެސް ނުފެންނާނެއެވެ. އަނެއްކޮޅުން މިފެންނަނީ އެންމެ ޒަމާނީ ހަތިޔާރުގެ ބާރުން ނޫނީ އެއްވެސް ކަމެއް އިސްރާއީލަށް ނުކުރެވޭ މަންޒަރެވެ. އަދި ހަތިޔާރާއެކުވެސް ފަލަސްތީނު ޒުވާނުންދެކެ އިސްރާއީލު ސިފައިން ބިރުގަނެ ޖެހިލުންވާ މަންޒަރެވެ.

މިއީ އެއްކޮޅުން ރަޝިއާގެ އިސްތިއުމާރާ ދެކޮޅަށް ޔުކްރެއިންއަށް ހަތިޔާރުފޯރުކޮށްދޭ، އަނެއްކޮޅުން އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވެ ފަލަސްތީނު އަޅުވެތިކުރަން އިސްރާއީލަށް ހިތްވަރުދޭ ހުޅަނގުގެ މުނާފިގު އިސްތިއުމާރީ ބާރުތަކަށްވެސް ލިބޭ ވަރަށް ބިރުވެރި މެސެޖެކަށްވެސް ވެގެންދާނެއެވެ.