08 Jul 2023, 13:31
ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހީންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި ދިވެހިބަހުގެ ލިޔުންތައް އިތުރު ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންނާއި ޒުވާނުން މިހާރަށްވުރެން އިތުރަށް ދިވެހިބަހަށް ޝައުގުވެރިކަން އިތުރު ކުރުވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ލިޔުންތެރިންގެ ދުވަހެއް ފާހަގަކުރެވުނީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހުއެވެ. މި ދުވަސް ޚާއްސަ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕު ކޮށްގެން ނެރުނު މަޖައްލާ "އަލްއިޞްލާޙް" ނެރުނު ތާރީޚީ ދުވަހަށް ވާތީއެވެ.