02 May 2012, 15:43
ޖީއެމްއާރާއި ސަރުކާރާ ދެމެދު ވެފައިވާ އެގްރިމެންޓުގައި ހުރި ބައެއް ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހާ ވެސް ގުޅުން ހުރި ކަންތައްތަކަކަށް ވުމުން މަޖިލިސް އަލުން ހުޅުވުމުން އެ މައްސަލަތައް މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރުބާ މޯލްޑިވްސްގައި ބޭއްވި ސިވިލް އެއާ ނެވިގޭޝަން ސާވިސަސް (ކެންސޯ) ކޮންފަރެންސް ހުޅުވާ ދިނުމުގެ ރަސްމިއްޔާތުގެ ހަވާސާގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ޖީއެމްއާރުގެ އެގްރިމެންޓަށް ގެންނަން ޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން ސަރުކާރާއި އެ ކުންފުންޏާ ދެމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި އިސްލާހުތައް ގެނެވޭނީ މަޖިލީހުން ވެސް ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.
"މަޖިލީހުގެ ޗުއްޓީ ނިމި މަޖިލިސް ހުޅުވުމާއެކީގައި އިރާދަކުރެއްވިއްޔާ މަޖިލިހަށް އެ ކަމާ ގުޅިގެން ފޮނުވަން ޖެހޭ މައްސަލަ ފޮނުވާ، މަޖިލިސްގެ ނިންމެވުމާއެކީގައި އެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭޑިސީގެ 25 ޑޮލަރުގެ ފައިސާ މިވަގުތު ޖީއެމްއާރަށް ނެގޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ފައިސާ ނެގޭނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ މިހާރު ފަށާފައިވާ މަޝްވަރާތަކުގެ ތެރެއިން އޭޑީސީގެ ފައިސާ އުނިކުރާ މައްސަލައަށް ހައްލުތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން އެ ބޭފުޅުން ވާހަކަދައްކަވަމުން މި ގެންދަނީ، އަޅުގަނޑު އުއްމީދުކުރަނީ ލަހެއްނުވެ މިކަމުގައި [އޭޑީސީ ފައިސާ އުނިކުރާ މައްސަލައިގައި] ސޮލިއުޝަނެއް ފެންނާނެ ކަމަށް. އަބަދުވެސް އޭގެ އެންމެ ރަނގަޅު ގޮތަކީ ވާހަކަދައްކައިގެން ކަންކަން ހަމަޖެއްސޭތޯ ބެލުން،" ރައީސް ވިދާޅުވި އެވެ.
ޖީއެމްއާރުން މި އަހަރުގެ ފުރަތަމަ ތިން މަހަށް ކޮންސެސަންފީގެ ގޮތުގައި ދެއްކީ އެންމެ ފަސްލައްކަ ޑޮލަރެވެ. ކޮންސެޝަންފީގެ ގޮތުގައި ޖީއެމްއާރުން ސަރުކާރަށް 8.7 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެމްއޭސީއެލްއިން އިއްޔެ ބުނެފައި ވަނީ ކޮންސެޝަންފި އިން އެއްވެސް އެއްޗެއް އުނި ނުކުރެވޭނެ ކަމަށް ޖީއެމްއާރަށް ތަކުރާރުކޮށް ސިޓީ ފޮނުވި ނަމަވެސް އެ ސިޓީތަކަށް މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެގްރިމެންޓާ އެއްގޮތަށް ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި ޖީއެމްއާރުން އެގްރިމެންޓަށް އިހުތިރާމްކޮށް އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓް ކުއްޔަށް ދިނީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ޖީއެމްއާރަށް އެންމެ ރަނގަޅު ފައިދާއެއް ލިބޭ އެއާޕޯޓަކީ މާލޭ އެއާޕޯޓެވެ. އެގޮތުން އެއާޕޯޓުން ޖީއެމްއާރަށް މިދިޔަ ތިން މަހު ވެސް ވަނީ އާމްދަނީގެ ގޮތުގައި 49.1 މިލިޑޮލަރުގެ ލިބި ފައިދާއަށް 4.6 މިލިއަން ޑޮލަރު ލިބިފަ އެވެ.