ލިޔުންތެރިންގެ ލިޔުންތައް ބައްޓަންކުރުމުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އަލިއަޅުވައި، ފިތުނަވެރިކަމާއި ހަސަދަވެރިކަން އުފެއްދުމުން އެއްކިބާވެ ތެދުވެރިކަން އިސްކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ގޮވައިލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދެއްވެވި ޚިތާބުގައި ޑރ. އަަޝްރަފް ވިދާޅުވީ، ލިޔުންތައް ލިޔުމުގައި ޒާތީ ތައަސުއްބު އިސްކޮށް، ވަކި އަތަކަށް ބުރަވެ ލިޔެގެން ނުވާނެކަމަށެވެ.

ޒަމާނީ ވަސީލަތްތައް ކުރިއަރައި ގޮސް ޒަމާނަށް އައި ބަދަލާއެކު މިއަދު ރާއްޖޭގައި އޮންލައިން އެތައް ނޫހަކާއި، ގިނަ ވަސީލަތްތަކެއް މެދުވެރިކޮށް ލިޔުންތައް އާންމު ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ، އަބަދު ވެސް އިސްކަން ދޭންވާނީ ގައުމުގެ ހެވާއި ލާބައާއި މަންފާއަށްކަމަށެވެ.

"ސިޔާސީ ކޯޅުންތަކަށާއި ޚިޔާލު ތަފާތުވާ ބޮޑެތި މައްސަލަތަކުގައި އިތުރަަށް ހުޅުހިފައި އަނދައިގަންނާނޭ ގޮތަށް ދަރުގަނޑު ހެޔޮވަރުކޮށްލައިދޭ ލިޔުންތެރިއަކަށް ތިޔަބޭފުޅުން ވެވަޑައިގެންނެއް ނުވާނެއެވެ،" ޑރ. އަޝްރަފްގެ ޚިތާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަޝްރަފްވަނީ ދިވެހިބަހުން ލިޔުންތައް ލިޔާއިރު ސާފު، ސާދާ ދިވެހިބަހުން ލިޔުމަށް ވެސް އިލްތިމާސްކުރައްވައިފައެެވެ. ޒަމާނުއްސުރެ ބޭނުންކުރަމުން އައި ދިވެހިބަހުގެ ބަސްކޮށާރާއި، ސާފު ބަސްމަގު މިއަދުގެ ލިޔުންތެރިންގެ ލިޔުންތަކުގައި ވެސް ބޭނުންކުރުމަށް ޑރ. އަޝްރަފް ގޮވައިލެއްވިއެވެ.

އެއާ ޚިލާފަށް މިއަދު މަދުން ނަމަވެސް ބައެއް ލިޔުންތެރިންގެ ވިސްނުން ހުންނަ ގޮތުން، ބަހުގެ ރީތި ހަމަތައް ދޫކޮށް، އަމިއްލަ ގޮތްތައް އިޚްތިޔާރުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިބަހުގެ ހަމަތަކަށް ނުފެތޭ އިބާރާތްތަކާއި ލިޔުންތައް ގިނަވަމުން އަންނަކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ނަމަވެސް ދިވެހިބަހުގެ ރީތި އުސޫލުތައް އިސްކުރަންވީ ދިވެހިބަހަށް ޓަކައި، ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ލޮބުވެތި ލިޔުންތެރިންނޭވެ. އެހެން ނުހައްދަވާށެވެ. ދިވެހިބަހަށް ސަމާލުކަންދެއްވާށެވެ. ބަހުގެ ހަމަތަކާ އެއްގޮތަށް ލިޔުންތައް ލިޔުއްވައިދެއްވާށެވެ. މިއީ އަޅުގަނޑުގެ އިޚްލާސްތެރި އަދި އެހައިމެ ބޮޑު އިލްތިމާސެކެވެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ދުވަސް ފާހަަގަކުރަނީ ކޮންމެ ޖުލައި މަހެއްގެ އަށްވަނަ ދުވަހެވެ. މި ދުވަހަކީ މީގެ 90 އަަހަރު ކުރިން "އަލް އިޞްލާޙް"ގެ ނަމުގައި މަޖައްލާއެއް ނެރުނު ދުވަހެވެ.

މި އަހަރުގެ މި ދުވަސް ޚާއްސަކޮށްފައިވަނީ ދިވެހި އަދަބުގެ ކުޅަދާނަ ލިޔުންތެރިޔާ މުހައްމަދު ޖަމީލް ދީދީއަށެވެ. މި އަހަރުގެ މައިގަނޑު ޝިއާރަކީ "މުޖުތަމައުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު"އެވެ.