07 Jul 2023, 20:50
ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 އިން 16 ގެ ނިޔަލަށެވެ.
ލީން ސްޓާޓްއަޕް މޯލްޑިވްސް އަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާޓްއަޕްތައް ބިނާ ކުރުމަށް ނުވަތަ އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާޓްއަޕް ބޫޓް ކޭމްޕެކެވެ.
މި ވޯކްޝޮޕަކީ 'ލީން ސްޓާރޓްއަޕް' ނަމަކަށް ކިޔާ މެތަޑޯލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ވަރކްޝޮޕެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބޫޓްކޭމްޕްގެ ތެރޭގައި ލީން ސްޓާޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ޚިޔާލުތައް ތަރައްޤީކޮށް އިތުރަށް ފުރިހަމަ ކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ބައިވެރިންނަށް ކިޔައިދެވިގެންދާނެއެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އިނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ ހޯދުމުގެ މަރުހަލާއާއި ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައް ވެސް ބައިވެރިންނަށް އިނގިގެންދާނެއެވެ.
ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިލިންކްމެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްއަޕް ސަގާފަތަށް އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.