07 Jul 2023, 19:13
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.
މި މަހުގެ އަށަކުން 17ގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ބައިނަލްއަޤްވާމީ އަދި ދިވެހި އެތުލީޓުން ވެސް ބައިވެރިވާނެއެވެ. އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ޤައުމުން ރާޅާއެލުންތެރިން ހިމެނޭއިރު ރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައި ވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކަމާ ގުޅިގެން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ އޭޝިއަން ސަފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެ ފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި،" މިރްޝާން ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޗެއާމަން، މުޙައްމަދު ސޮބާހް ވަނީ މި މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ދިރާގުން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
"ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސާފް ބްރޭކްތައް ވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ސޮބާހް ވިދާޅުވިއެވެ.
ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.