ލާ ފޭރާމުގެ ސަބަބުން ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައި ވަނީ، ސާފު ތާހިރު ކަމުގެ މުހިންމު ކަމާއި އިސްލާމް ދީނުގައި ސާފު ތާހިރުވުމަށް ދީފައިވާ އަހަންމިއްޔަތު ކަމަށެވެ.

ޚުތުބާގައި ބުނީ މުސްލިމުންގެ އާންމު ހާލަތުގައްޔާއި، އަމިއްލަ ދިރިއުޅުމުގައްޔާއި، އަޅުކަން އަދާކުރުމުގައްޔާއި، ވެށި ބެލެހެއްޓުމުގައި ސާފުތާހިރު ވުމަށް އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާކަމަށެވެ.

މާތް ﷲއަށްޓަކައި އަދާކުރަންޖެހޭ އަޅުކަންތައް ސައްހަވަނީ ދެ ޙަދަސުން ތާހިރުވެ ސާފު ތާހިރުކަން މަތީ ހުރެ އަޅުކަން އަދާކުރުމުންނެވެ. ސާފު ތާހިރުކަމަކީ އީމާންކަމުގެ އެއްބައެވެ. ސާފު ތާހިރު ވުމުގެ ގޮތުން ރީތި ފޭރާން ލުމަކީ ވެސް މުހިންމު ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"ނަމަވެސް، އެ ފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ،" ޙުތުބާގައި ބުންޏެވެ.

ފަރުދީ ސާފުތާޙިރުކަމާއި ޝަޚުސީ ސާފުތާހިރުކަމަށް އަލި އަޅުވާލާ ޚުތުބާގައި ބުނީ، ނިޔަފަތި ކެނޑުމާއި، ކިހިލި ފައްދަށުން އިސްތަށި އުފުރުމާއި، މަތިމަސް ކުރުކުރުން ފަދަ ކަންކަމަކީ ޝަޚުސީ ސާފުތާހިރުކަމުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށެވެ.

ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ، "ފޫޅުން ތިރީގެ އިސްތަށިތައް ބޭލުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކުރުކުރުމަކީ ފިތުރަތުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ،"

މީގެ އިތުރުން މަގުމައްޗާއި، ހިޔާ ލިބޭފަދަ ގަސްގަހުގެ ދަށަށާއި، މީހުން ހިނގާބިނގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިޔުމާއި، ކުޅުޖެހުން ފަދަ ކަންކަމަކީ އިސްލާމް ދަީނުގައި ނަހީކުރައްވާފައި ވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.

މިކަމާ ގުޅިގެން ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ، "ލަޢުނަތް ލެއްވިގެންވާ ތިން ކަމަކުން ތިޔަބައި މީހުން ދުރުހެލި ވާށެވެ. އެއީ މީހުން ފެން ހޯދަން ގޮސް އުޅޭ ކޯރުތަކަށާއި، ވަޅު ފަދަ ތަންތަނަށާއި، މީހުން ހިނގާބިނގާވެ އުޅޭ މަގުތަކަށާއި، ހިޔާ ލިބޭ ފަދަ ތަންތަނަށް ޤަޟާޙާޖާ ކުރުމެވެ."