ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް މުސާރައިގެ ގޮތުގައި 50 މިލިއަން ޔޫރޯ ދޭގޮތަށް ރެއާލް މެޑްރިޑުން ހުށަހެޅުމަކަށް ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އަންނަ ސީޒަން ނިމުމުން ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، އޭނާއަށް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނޫން ނަމަ، އަންނަ ސީޒަން ނިމުމުން ޕީއެސްޖީން އޭނާ ދޫކޮށްލަން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެމްބާޕޭ ދެކޮޅު ހަދަމުންދާ އިރު، އޭނާ ވިއްކާލަން ވެސް އެ ކްލަބުން ބޭނުމެއް ނުވެއެވެ. އެގޮތުން މިހާރު ޕީއެސްޖީން އެމްބާޕޭގެ ރިލީސް ފީއެއްގެ ގޮތުގައި 200 މިލިއަން ޔޫރޯގެ އަގެއް ކަނޑައަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމްބާޕޭ ހޯދުމަށް ރެއާލުން ފައިނޭންޝަލް ޕްލޭނެއް ހަދައި، އޭނާއަށް 50 މިލިއަން ޔޫރޯ ދޭގޮތަށް ހުށަހެޅުމެއް ހުށަހަޅަން ވަނީ ތައްޔާރުވެފައެވެ. ރެއާލުން ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް ތައްޔާރުވާ އިރު، އެމްބާޕޭގެ ރިލީސް ފީއެއްގެ ގޮތުގައި ހަމަޖައްސާނީ އެއް ބިލިއަން ޔޫރޯ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރެއާލް މެޑްރިޑުން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ޕީއެސްޖީން ބޭނުންވާ 200 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމަށް ރެއާލުން ތައްޔާރެއް ނޫނެވެ. އޭގެ ބަދަލުގައި ރެއާލުން މަސައްކަތްކުރާނީ އަންނަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރެއާލްގެ ވިސްނުމަކީ އަންނަ ސީޒަން ނިމުމުން އެމްބާޕޭ ހޯދުމެވެ. އޭގެ ކުރިން އެމްބާޕޭ ހޯދުމަށް ބިޑެއް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް ޕެރޭޒް ވަނީ ވިދާޅުވެފައެވެ.