ހުޅުމާލޭގައި ސަހަރާއެއް އެޅުމަށް ހަމަޖައްސާފައިވާ އެއް ލައްކަ އަކަފޫޓުގެ ބިން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ހުޅުމާލޭ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ ސަހަރާއެއް އެޅުމަށް ހަމަޖައްސާފައިވާ އެ ބިމަކީ އެ އަވަށުގައި މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުގައި އޮތް ބިމެއް ކަމަށާއި އެ ބިން ސިޓީ ކައުންސިލަށް ދިނުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލުން އެދިގެން ކަމަށެވެ. އަދި އެ ބިން ވަރަށް އަވަހަށް ސިޓީ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބިމަކީ ކުރިންސުރެ ހުޅުމާލޭގައި ސަހަރާއެއް ގާއިމްކުރުމަށް ޕްލޭންކޮށްފައިވާ ބިމެއް. އެ ބިން ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް މިހާރު މިވަނީ ހަމަޖެހިފައި،" ސުހެއިލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު (ސުޖާ) މިއަދު ވިދާޅުވި ސަހަރާއެއް އެޅުމަށް ބިމަކަށް އެދި ހުށަހެޅީ މާލޭގެ އާ ސަހަރާގައި މީހުން ވަޅުލަމުން ގޮސް އެތަން ފުރިބާރުވެފައި ވާތީ، އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އަދި ހުޅުމާލޭގައި ސަހަރާއެއް އެޅުމަށް ބޭނުންވާ ބިން އެކައުންސިލަށް މިހާރު ލިބިފައިވާތީ އެ މަސައްކަތް އެ ކައުންސިލުން ފަށާފައިވާ ކަމަށާއި މިވަގުތު މަދުވަނީ އެކަމަށް ބޭނުންވާ ފައިސާ ކަމަށެވެ. އަދި ސަހަރާ ގާއިމްކުރުމަށް ބޭނުންވާ ފަންޑް ހޯދުމުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިކަމެއް ދެއްވާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ މާލޭގެ އާ ސަހަރާގައި މަތިމައްޗަށް މީހުން ވަޅުލުމުގެ މަސައްކަތް އަދި ވެސް ކުރިއަށް ގެންދާ އިރު އެކަންތައް މުޅިން ހުއްޓާލެވޭނީ ހުޅުމާލޭގައި އަޅާ ސަހަރާގެ މަސައްކަތް ނިމި، މީހުން ވަޅުލުމުގެ ނިޒާމް ގާއިމު ކުރެވިގެން ކަމަށެވެ.
"އާ ސަހަރާގައި މީހުން މަތިމައްޗަށް ވަޅުލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި މިހާރު ވެސް ކުރަމުން މި ގެންދަނީ ފަސް އަޅައިގެން. ދެން މިވާގޮތަކީ އެމީހުންގެ ގަބުރު ކައިރި އަށް ޒިޔާރަތްކުރާ އެމީހުންގެ ގާތް މީހުންނަށް އެކަމުގެ ސަބަބުން ވަރަށް ފުން އަސަރެއް ކުރުވާ. އެހެންވެ އެގޮތަށް މަތިމައްޗަށް ފަސް އަޅައިގެން މީހުން ވަޅުލާ މަސައްކަތް މުޅިން ހުއްޓާލެވޭނީ ހުޅުމާލޭގެ ސަހަރާގެ މަސައްކަތް ނިމި ވަޅުލުމުގެ ނިޒާމު ހަރުދަނާ ކުރެވިގެން،" ސުޖާއު ވިދާޅުވި އެވެ.

މާލޭގެ ހަތަރު އަވަށުގައި ހުރި ސަހަރާތައް ފުރިބާރުވެގެން އާ ސަހަރާގައި މީހުން ވަޅުލުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނީ 1996 ވަނަ އަހަރު އެވެ. އަދި އެ ސަހަރާ ވެސް ފުރި 2007 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ އެ ސަހަރާގައި ވެސް މަތިމައްޗަށް މީހުން ވަޅުލުމުގެ މަސައްކަތް ފަށައިފަ އެވެ.