07 Jul 2023, 11:53
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މައި ކައުންސިލްގެ މެމްބަރަކަށް، އެ ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ކުރީގެ ރައީސާ ނަޒީރާ އިބްރާހިމް މަނިކު އައްޔަންކޮށްފިއެވެ.
އޭނާ އެ މަޤާމަށް އައްޔަންކުރީ އެމްޑީއޭގެ ގައުމީ މަޖިލީހުން މިދިޔަ ބުދަ ދުވަހު ހަވީރު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ނަޒީރާ އަކީ މިވަގުތު އެމްޑީއޭ ޖަގަހައިގެ އިންޗާޖް ވެސްމެއެވެ. ކައުންސިލް މެމްބަރަކަށް އޭނާ އައްޔަން ކުރުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ނަޒީރާ ވިދާޅުވީ، ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރެ، ޖަގަހައިގެ މަސައްކަތްތައް ވެސް ކުރަން ފަސޭހަ ވާނެ ކަމަށެވެ.
އަދި އޭނާގެ މަސައްކަތްތައް ބައްޓަން ކުރަނީ އެމްޑީއޭއަކީ ރާއްޖޭގެ އެންމެ ބިޔަ، ބޮޑު ޕާޓީއަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގަ ޝައުގުވެރިކަން އުފައްދާ، ޕާޓީގެ މަގުސަދު ރައްޔިތުންނަށް ހާމަކޮށްދީ ޒުވާނުން މި ޕާޓީއަށް ވެއްދުން އެއީ އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ،" ނަޒީރާ ވިދާލުވިއެވެ.
ނަޒީރާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2019ވަނަ އަހަރާ ހަމައަށް އެމްޑީއޭގެ އަންހެނުންގެ މަޖިލީހުގެ ރައީސާކަން ކުރައްވާފައެވެ. އޭނާއަކީ އިންތިޚާބެއް ބާއްވައިގެން އެ މަގާމަށް އައްޔަން ކުރެއްވި އެންމެ ފުރަތަމަ މީހާއެވެ.
މީގެ އިތުރުން، ނަޒީރާ އަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ސިޔާސީ ރޮނގުން ރެހެންދި އެވޯޑު ވެސް ހާސިލް ކުރެއްވި ބޭފުޅާއެެވެ.