ޖުލައި 7 (ރޮއިޓާސް) - ތްރެޑްސް ތައާރަފު ކުރުމުން މެޓާއާ ދެކޮޅަށް ދައުވާ ކުރާނެކަމުގެ އިންޒާރު އީލޯން މަސްކްގެ ޓްވިޓާއިން ދީފިއެވެ.

މެޓާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނީ ޓްވިޓާގެ ގާނޫނީ ވަކީލު އެލެކްސް ސްޕައިރޯ އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގްއަށް ފޮނުވި ސިޓީއެއްގައެވެ.

މިދިޔަ ބުދަ ދުވަހު ތްރެޑްސް ލޯންޗްކުރި ފަހުން އެ އެޕަށް 30 މިލިއަނަށް ވުރެ ގިނަ އެކައުންޓް ވަނީ ސައިންއަޕްކޮށްފައެވެ. އިންސްޓަގްރާމްއާ ގުޅުވާފައިވާ އެ އެޕް މެދުވެރިކޮށް މެޓާއިން ދަނީ ޓްވިޓާއާ ވާދަކުރަމުންނެވެ.

ޓްވިޓާއިން ތުހުމަތު ކުރަނީ މެޓާއިން މިކަމުގައި މަކަރާއި ހީލަތް ހަދައި އޮޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ޓްވިޓާގެ ވިޔަފާރީގެ ސިއްރުތަކާއި އެހެނިހެން ސިއްރު މައުލޫމާތުތައް އެނގޭ ޓްވިޓާގެ ކުރީގެ މުވައްޒަފުންތަކެއް މެޓާގެ ތްރެޑްސް އުފެއްދުމުގެ ވަޒީފާއަށް ނަގާފައިވާ ކަމަށް ސްޕައިރޯ ތުހުމަތުކޮށްފައިވެއެވެ.

ޓްވިޓާގެ ވިސްނުން ހުރީ އެ ކުންފުނީގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހަރުކަށިކޮށް ތަންފީޒު ކުރަން ކަމަށާއި ޓްވިޓާގެ ވިޔަފާރީގެ އެއްވެސް ސިއްރެއް ނުވަތަ އެނޫންވެސް ސިއްރު މައުލޫމާތެއް ބޭނުންކުރުން ހުއްޓާލުމަށް މެޓާއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދޭކަމަށް ސްޕައިރޯގެ ސިޓީގައި ބުނެފައިވެއެވެ.

ޓްވިޓާގެ މި ތުހުމަތުތަކަށް ރައްދުދީ މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ތްރެޑްސްގެ ޕޯސްޓެއްގައި ބުނެފައިވަނީ ތްރެޑްސް އިންޖިނިއަރިން ޓީމުގައި ޓްވިޓާގެ ކުރީގެ ވެސް މިހާރުގެވެސް މުވައްޒަފަކު ނުހިމެނޭނެ ކަމަށެވެ.

އެ ޚަބަރާ ގުޅިގެން މަސްކް ވަނީ "ވާދަވެރިކަން ރަނގަޅު ނަމަވެސް މަކަރާއި ހީލަތް ހެދުމަކީ ރަނގަޅު ކަމެއް ނޫން" ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހު މަސްކް ޓްވިޓާއާ ހަވާލުވި ފަހުން ޓްވިޓާއަށް ވަނީ މަސްޓޮޑޮން އާއި ބްލޫސްކީގެ އިތުރުން އެހެން ފަރާތްތަކުގެވެސް ވާދަވެރިކަން ކުރިމަތިވެފައެވެ. ނަމަވެސް ތްރެޑްސްގެ ޔޫޒާ އިންޓަފޭސް އަކީ ޓްވިޓާއާ މާބޮޑަށް އެއްގޮތް އިންޓަފޭސްއަކަށްވާތީ އެހެނިހެން ޕްލެޓްފޯމްތަކަށްވުރެ ތްރެޑްސްގެ ވާދަވެރިކަން ޓްވިޓާއަށް މިވަނީ ބޮޑުވެފައެވެ.

ޓްވިޓާއިން މެޓާއާ ދެކޮޅަށް ދައުވާ ކުރަން ވިސްނަމުންދާއިރު، ވިޔަފާރީގެ ސިއްރުތަކުން ވައްކަން ކުރުމުގެ ދައުވާއެއް ސާބިތުކުރަން އެ ސިޓީގައި ދައްކާފައިވާ ވާހަކަތަކަށް ވުރެ އިތުރަށ ހެކި ބޭނުންވާނެ ކަމަށް ސްޓެންފޯޑްގެ ލޯ ޕްރޮފެސަރު މާކް ލެމްލީ ފަދަ އިންޓެލެކްޗުއަލް ޕްރޮޕަޓީ ލޯ ގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޓްވިޓާގެ ކުރީގެ މުވައްޒަފުންތަކެއް އެ ކުންފުނިން ވަކިކުރުން ނުވަތަ އެމީހުން އަމިއްލައަށް ވަޒީފާއިން ވަކިވުމަކީ މިފަދަ ދައުވާއަކަށް އެކަށީގެންވާ ހެކިތަކެއް ނޫންކަމަށް އެނާ ވިދާޅުވިއެވެ. އަދި ފޭސްބުކުން އެފަދަ ސައިޓެއް އުފެއްދުމަކީވެސް ވިޔަފާރީގެ ސިއްރުތަކެއް ވަގަށް ނެގިކަމަށް ބުނާ ވާހަކައަކަށް ތާއީދު ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްވިޓާއަށް އެންމެފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮންމެ އެކައުންޓަކުން ދުވާލެއްގެ މައްޗަށް ކިޔޭނެ ޓުވީޓްތައް ލިމިޓް ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ އެޕްގެ ކަސްޓަމަރުންނާއި އިޝްތިހާރު ކުރާ ފަރާތްތަކުން ތެދުވުމެވެ.