06 Jul 2023, 23:46
މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާނެ އިތުރު މުވައްޒަފުންނާއި އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާންކޮށްފިއެވެ.
ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެކި މަސައްކަތްތަކަށް މީހުން ހޯދަން މީގެ ކުރިން ވެސް އީސީއިން އިއުލާންކޮށްފައިވެއެވެ.
އެ ކޮމިޝަނުން މިފަހަރު ކުރިމަތިލާން ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު ކަމާއި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު ކަމާއި އެސިސްޓެންޓް މެނޭޖަރު ކަމާއި ސީނިއާ އޮފިސަރު ކަމާއި ގްރެފިކްސް ޑިޒައިނަރު ކަމާއި ފޯޓްގްރާފަރު ކަމާއި މީޑިއާ އޮފިސަރު ކަމާއި ޓެކް އޮފިސަރުކަން ހިމެނެއެވެ.
މީގެ އިތުރުން ސެކިއުރިޓީ، ސަޕޯޓް އަދި ލޮޖިސްޓިކް އޮފިސަރުންގެ މަގާމުތަކުގެ އިތުރުން މަސައްކަތު ވަޒީފާއަށް ވެސް ހުޅުވާލާފައިވެއެވެ. އަދި އެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ވުމަށް ވެސް މިހާރު އެދެވޭނެއެވެ.
އީސީއިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ ވަޒީފާތަކަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން މާދަމާ އާއި ހޮނިހިރު ދުވަހު ސެންޓްރަލް ޕާކް އާއި ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހަވީރު 16:00 އިން 18:00އަށް ކުރިއަށްދާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އީސީއިން ވަނީ މިދިޔަ މަހުގެ 11ގައި ގެޒެޓްކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން މިފަހަރު ވޯޓުލެވޭ މީހުންގެ އަދަދު 282،672އަށް އަރައެވެ.