07 Jul 2023, 11:07
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ޝޯތަކެއް ކެނެޑާގައި ބޭއްވުމަށް، ކެނެޑާގެ ޕްރައިމްް މިނިސްޓަރު ޖަސްޓިން ޓްރޫޑޯ އެދިއްޖެއެވެ.
ޓޭލާ އަންނަނީ އޭނާ މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންސާޓް، "އެރާސް" ޓުއާ ދެމުންނެވެ. އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ޓޭލާ އަންނަނީ ޓުއާ ކުރަމުންނެވެ. މިއީ މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑެތި ޓުއާތަކުގެ ތެރޭގައި ހިމެނޭނެ އެއް ޓުއާއެވެ.
ޓޭލާގެ ޓުއާގެ ތެރެއިން އެއަށް އޮތް މަގުބޫލުކަން އިތުރުވާ ކަން އެނގުމުގެ ސަބަބުން އިތުރު ސަރަހައްދުތަކުގައި ވެސް ޓޭލާ މިހާރު ޓުއާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ސިންގަޕޫރާއި ޖަޕާން ފާހަގަކޮށްލެވެއެވެ. އޯގަސްޓު މަހުގެ ނިޔަލަށް ކުރީން ރާއްވާފައިވާ ޓުއާ މިހާރު ވަނީ ސެޕްޓެމްބަރު މަހަށް ވެސް ދެމިގެން ގޮސްފައެވެ.
ޓުއާގެ ސަރަހައްދުތައް އިއުލާނުކޮށް އާ ތާވަލު ހާމަކުރުމާއެކު ޓްރޫޑޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެނެޑާގެ އެކި ކަންކޮޅުތަކުގައި ވެސް ޓޭލާ އަޑު އަހާލަން ބޭނުންވާ ބައިވަރު މީހުން ތިބި ކަމަށެވެ. އަދި ކެނެޑާގައި ޓުއާއެއް ބޭއްވުމަށް ވަރަށް ބޮޑަށް ބޭނުންވެލައްވާ ކަމަށް ޓްރޫޑޯ ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގައި ޓޭލާގެ އެންމެ ޝޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު މިއީ އެންމެ ޑިމާންޑު ބޮޑުވި އެއް ސަރަހައްދެވެ. ޓޭލާގެ ޝޯއަކަށް ދެކުނު އިރުމަތީ އޭޝިއާގެ އެކި ގައުމުތަކުން މީހުން ވަނީ ޓިކެޓު ހޯދުމަށް މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެއިން ގިނަ ޒުވާނުންތަކެއް ޓިކެޓު ހޯދަން މަސައްކަތް ކޮށް ބައެއް މީހުން ވަނީ އެކަން ކާމިޔާބު ވެސް ކޮށްފައެވެ.