02 May 2012, 15:18
އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބަކަށް އެފްއޭއެމްއިން ދޭ އެވޯޑް ވިދިވިދިގެން ދެ ވަނަ ފަހަރަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބުމުން، އެ ކުލަބުގެ ސަޕޯޓަރުންނަށް ނިއުގެ މެނޭޖްމަންޓުން މަރުހަބާ ކިޔައި ކުޅުންތެރިންނަށް 100،000ރ.ގެ ބޯނަހެއް ތައާރަފްކޮށްފި އެވެ.
އެފްއޭއެމުން ހޮވާ ސަޕޯޓާސް އެވޯޑް ނިއުއަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެފްއޭއެމް އެވޯޑް ނައިޓުގައެވެ. މިއެވޯޑް ނިއުއާ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރެވެ. އަދި އެ އެވޯޑާ ހަވާލުވީ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ.
މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބަލަކް ވިދާޅުވީ، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސަޕޯޓާސް އެވޯޑް ނިއުއަށް ލިބުމުން، ނިއުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ ނަމުގައި ހުރީ ސަޕޯޓަރުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިލިބުނު ކާމިޔާބީއާކު ކޮންމެ އަހަރަކު ނިއުގެ ސަޕޯޓަރުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުން އޮންނާނެ ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.
"ސަޕޯޓަސް އެވޯޑް ނިއުއަށް ލިބުމަކީ ނިއުގެ ސަޕޯޓަރުންނަށް ލިބުނު ހިތްވަރެއް." ބަލަކް ވިދާޅުވި އެވެ.
މީގެއިތުރުން މިއަދުގެ ނިއުސްކޮންފަރެސްގައި އިތުރަށް ވާހަކަ ދައްކަމުން ބަލަކް ވިދާޅުވީ، ކުލަބުގެ ފަރާތުން ކޮންމެ މަހަކު އަދި ކޮންމެ އަހަރަކު، ކުލަބުގެ މޮޅުކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ މޮޅުގެ ކުޅުންތެރިޔާ ހޮވަން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ނިއުއަށް އެކަށީގެންވާ ކާމިޔާބެއް ލިބިއްޖެނަމަ ހުރިހާ ކުޅުންތެރިންނަށް އެއްލައްކަ ރުފިޔާގެ ދޭން ނިންމައިފައިވާކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.
ބަލަކް ވިދާޅުވީ، މިހުސްވި އޭޕްރީލް މަހު ކުލަބުގެ މޮޅު ކުޅުންތެރިޔަކަށް އަލީ އަޝްފާގު (ދަގަނޑޭ) ހޮވިއިރު 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކީ ޑިފެންޑަރު ސަމާހު ހުސެއިން އެވެ.
"ނިއު އިން ކޮންމެ މަހަކު ހޮވާ އެންމެ މޮޅު ސީނިއާ އަދި ޖޫނިޔާ ކުޅުންތެރިޔާގެ ނަން ކުލަބުގެ ވެބްސައިޓުގައި އިއުލާން ކުރެވޭނެ. އަދި ކޮންމެ އަހަރަކު އެންމެ މޮޅު ސީނިއާ ތިން ކުޅުންތެރިން އަދި އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ އިއުލާންކުރާނީ ގޯލްޑް ނައިޓުގަ." މިއަދުގެ ނިއުސްކޮންފަރެސްގައި ވާހަކަ ދައްކަމުން ބަލަކް ވިދާޅުވިއެވެ.