07 Jul 2023, 11:19
ދެހާސް ވިހި ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ-ރެޖިސްޓާވި މީހުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަލުން ރީ-ރެޖިސްޓާވާން ނުޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމާފައިވަނީ އިންތިޚާބާ ގުޅިގެން ކޮމިޝަނުން ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އަލުން މާލެއަށް ރީރެޖިސްޓާ ވާން ނުޖެހޭ ގޮތް ހެދުމަކީ ސިޔާސީ ޕާޓީތަކަށާއި ވޯޓުލާ މީހުންނަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓާ ކުރަން ބަލާއިރު ކޮންމެ މީހެއްގެ ދާއިމީ އެޑްރެސްގައި ވޯޓުލާ ގޮތަށް އަޅުގަނޑުމެން ކުރީންސުރެ އަމަލުކުރަމުން ދަނީ. އެހެންނަމަވެސް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން މިފަހަރު ނިންމީ ސުމަކުން ނުފަށަން،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެގޮތަށް ނިންމީ ސުމަކުން ފަށައިފި ނަމަ ކުރިއެކޭވެސް އެއްގޮތަށް އެމީހަކު ރަށްވެހިވެފައި އޮންނަ ތަނަކުން ވޯޓުލާގޮތަށް ހަމަޖެހޭނެތީ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލުން އެކަށީގެންވާތީ ކަމަށެވެ.
އޭގެ އިތުރުން އީސީގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުން ބާކީވާ ވޯޓު ކަރުދާހަށް ހަދާނެ ގޮތަކާ ބެހޭ ގޮތުން ވެސް ގޮތް ނިންމާފައެވެ. އެގޮތުން ވޯޓު ނަގާ ނިމުމަށްފަހު، ބާކީ ހުންނަ ވޯޓުކަރުދާސްތަކަކީ އިންވެލިޑް ވޯޓުކަރުދާސް ކަމުގައި ކަނޑައެޅުމުގެ ބޭނުމަށް، ކެންޑިޑޭޓުންގެ ނަންބަރު ޖަހާފައިހުންނަ ފަރާތުން ކަރުދާސް ޕަންޗުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ މީގެ ކުރީގެ ރިޔާސީ އިންތިޚާބުތަކުގައި ވޯޓު ނަގާ ނިންމުމަށް ފަހު ބާކީ ހުންނަ ވޯޓު ކަރުދާސްތައް ޕަންޗުކުރުމެއް ނެތި ސެކިއުރިޓީ އުރައިގެ ތެރޭ ބަންދުކޮށް އިންތިޚާބާ ބެހޭ މައި މަރުކަޒަށް ފޮނުވާ ކަމަށެވެ.
މިފަހަރު އެކަމަށް ބަދަލެއް ގެނައީ އިންތިޚާބީ ނިޒާމުގެ އިތުބާރު ބޮޑުކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ބާކީވާ ކަރުދާސް ނައްތާލަން ޕީޕީއެމް އާއި ޕީއެންސީއިން އެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ލަފާދޭ ކޮމިޓީގެ ޖަލްސާތައް ބޭއްވުމުގެ ކުރިންވެސް ޕީޕީއެމް ޕީއެންސީގެ ފަރާތުން މި ވާހަކަ އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރައްވާފައި އޮތީ. އެބޭފުޅުން ބޭނުންވަނީ ވޯޓު ކަރުދާސްތައް ނައްތާލަން. އެހެންނަމަވެސް ގާނޫނީ ގޮތުން ނައްތާލުމުގެ ކުރިން އެ ކަރުދާސްތައް ނައްތާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން." ހަބީބު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.