ހުޅުމާލޭގައި މެދުފަންތީގެ މީހުނަށް ޚާއްޞަކޮށް ސެންޓްރަލް ޕާކް ކުރިމަތީ ތަރައްގީކުރި "ވަން ސެންޓްރަލް ޕާކް" ފްލެޓްތަކުގެ ހައްގުވެރިންނަށް މިއަދު ތަޅުދަނޑި ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި "ވަން ސެންޓްރަލް ޕާކް" އިމާރާތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެތަނުން ފްލެޓް ގަތް މީހުންނަށް ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ.

ވަން ސެންޓްރަލް ޕާކް ހައުސިން މަޝްރޫޢު ހިންގުމަށް ސަރުކާރާއި އިންޑިއާގެ ސެންދަލް މޮރިޝަސް އާއެކު ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗު މަހުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މި މަޝްރޫއުގެ ބިންގާ އެޅިފައިވަނީ އޭގެ ހައެއްކަ އަހަރު ފަހުން 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހެވެ.

"ވަން ސެންޓްރަލް ޕާކް" ފްލެޓްތަކުގެ ހައްގުވެރިންނަށް މިއަދު ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، ހަތް އަހަރު ފަހުން މިއަދު އެޕާޓްމަންޓުތައް ހަވާލުކުރާއިރު، މިއީ އަދުގެ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

ވަން ސެންޓްރަލް ޕާކް ފްލެޓްތަކުގެ ހައްގުވެރިންނާ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

އަސްލަމް ވިދާޅުވީ، މުޖުތަމައުއެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް އަދި އާމްދަނީ އެއްވަރަކަށް ލިބޭ ރައްޔިތުންގެ މައްޗަށް އެކަނި ނޫންކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ރައްޔިތުންގެ ތެރޭގައި އެކި ލެވެލްތަކުގެ މީހުން އުޅޭއިރު، ސަރުކާރުން މަސައްކަތް ކުރާނީ އެ ހުރިހާ އެންމެންގެ ބޭނުންތައް ދެނެގަނެ ބޯހިޔާވަހިކަން ހޯދައިދިނުމަށްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ބޭނުންވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށްގެންދާނީ އެންމެ މުއްސަނދި މީހާއިން ފެށިގެން އެންމެ ދަށްފަންތީގެ މީހާ ވެސް ހިމަނައިގެން އެއްވެސް މީހަކު ބާކީނުވާނޭހެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި މިތަނުން އެޕާޓްމަންޓުތައް ގަތް ހުރިހާ ފަރާތްތަކުން ފައިސާ ދައްކައި ނިންމައިފި. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ޑިމާންޑުވެސް އެބައޮތްކަން އަދި ރައްޔިތުންގެ ތެރޭގައި މިކަމަށް ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި މީހުންވެސް އެބަތިބިކަން،" އަސްލަމް ވިދާޅުވިއެވެ.

"ވަން ސެންޓްރަލް ޕާކް" ފްލެޓްތަކުގެ ހައްޤުވެރިންނަށް ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު، މުނު މަހާވަރް ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި އިންޑިއާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވާފައެވެ. މުނު މަހާވަރް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ވެސް ތަފާތު ދާއިރާތަކުގެ މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްދާކަމަށެވެ.

"ހަމައެކަނި ބޯހިޔާވަހިކަމުގެ މި މަޝްރޫއު އެކަންޏެއްނޫން އިންޑިއާގެ ކުންފުނިތަކުން ކުރިއަށްގެންދަނީ. ހުޅުމާލެ ފޭސް 2 ގައި މިހާރުވެސް 4000 ހައުސިން ޔުނިޓް އަޅަމުން އެދަނީ. އެމަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، މިއީ އިންޑިއާގެ ކުންފުންޏަކުން ކޮށްފައިވާ ނަމޫނާ މަސައްކަތެއް. ކޮވިޑާއެކު ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއެކުވެސް މި މަސައްކަތް ނިންމާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް،" މުނު މަހާވަރް ވިދާޅުވިއެވެ.

"ވަން ސެންޓްރަލް ޕާކް" ފްލެޓްތަކުގެ ހައްޤުވެރިންނަށް ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މާހިލް އާތިފް

ވަން ސެންޓްރަލް ޕާކް ހައުސިން މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ)ންނެވެ.

މި ތަނުގައި 120 އެޕާޓްމަންޓް ހިމެނޭއިރު، އެޕާޓްމަންޓެއް ވިއްކާފައިވަނީ 2.2 މިލިއަން ރުފިޔާއަށެވެ. ވަން ސެންޓްރަލް ޕާކް ތަރައްގީކޮށްފައިވަނީ އެތަނުގައި ޖިމަކާއި، ޕާކިން އަދި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުންކުރާނެ ތަނަކާއި، ފިހާރަވެސް ހިމަނައިގެންނެވެ.