06 Jul 2023, 19:53
"ތުރުކީ މެސީ"ގެ ނަމުން މަޝްހޫރުކަން ހޯދަމުންދާ މިޑްފީލްޑަރު އަރްދާ ގުލާ ރެއާލް މެޑްރިޑަށް ސޮއިިކޮށްފިއެވެ.
ރެއާލަށް ގުލާ ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާ އެ ކްލަބާ ގުޅިފައިވަނީ ފެނެބާޗޭ އިން 20 މިލިއަން ޔޫރޯ (22 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އޭނާ ރެއާލަށް ސޮއިކޮށްފައިވަނީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
އުމުރުން 18 އަހަރުގެ ގުލާގެ ސޮއި ރެއާލުން ހޯދާފައި މިވަނީ ވާދަވެރި ބާސެލޯނާ އިން ވެސް އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ. ގުލާ ވެގެން ގޮސްފައިވަނީ އަންނަ ސީޒަނަށް ރެއާލުން ހޯދި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ރެއާލުން ވަނީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އާއި ސްޕެއިން ފޯވަޑް ޖޯސެލޫ އަދި ސްޕެއިން ޑިފެންޑަރު ފްރޭން ގާސިއާގެ ސޮއި ވެސް ހޯދައިފައެވެ.
ފެނެބާޗޭ އިން ވެސް ވަނީ ރެއާލަށް ގުލާ ގުޅިފައިވާކަން އިއުލާންކޮށްފައެވެ. ފެނެބާޗޭ އިން ބުނީ 20 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުން ރެއާލަށް ގުލާ ގުޅިފައިވާ ކަމަށާއި ފީފާގެ ގަވާއިދާ އެއްގޮތަށް ޓްރާންސްފާގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި ބޯނަސް ފީއެއްގެ ގޮތުގައި ރެއާލުން ދިހަ މިލިއަން ޔޫރޯގެ އަގެއް ދައްކަން ޖެހޭނެ ކަމަށް ވެސް ފެނެބާޗޭ އިން ބުންޏެވެ.
ރަސްމީކޮށް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ގުލާ ދައްކާލުމަށް މާދަމާ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.