މިހާރުގެ ރައީސް މުހައްމަދު ނިޒާމް ކަޓައި ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް ކަމަށް އެމްއެސް ހެލްޕިން ހޭންޑްގެ ފަރާތުން ވާދަކުރި އަބްދުﷲ އިބްރާހިމް އިއްޔެ އިންތިހާބުކޮށްފި އެވެ.

މާލޭ ސިޓީ ހޯލުގައި އިއްޔެ ހަވީރު ބޭއްވި ނެޓްބޯޅައިގެ އިންތިހާބުގައި އަބްދުﷲ އިބްރާހިމް ރައީސް ކަމަށް ހޮވުނީ، ވޯޓުގައި ބައިވެރިވި 10 ކްލަބުގެ ތެރެއިން ވޯޓު ދިން ހަތް ކްލަބުގެ ވޯޓުންނެވެ.

އަދި އޭނާއާއެކު ރައީސް ކަމަށް ވާދަކުރި މިހާރުގެ ރައީސް އަދި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމަށް ލިބުނީ އެއް ވޯޓެވެ. އަދި ރައީސް ކަމަށް ވާދަކުރި ތިން ވަނަ ފަރާތް ކަމަށްވާ ނެޓްބޯޅަ ކޯޗު ފަޒްނާ ޖަލީލަށް ލިބުނީ ދެ ވޯޓެވެ.

ނައިބު ރައީސްކަމަށް އިންތިހާބުކުރީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ނަބީލެވެ. ނަބީލަށް ހަ ވޯޓް ލިބުނުއިރު، މި މަގާމަށް ދެން ވާދަކުރި ފަޒްނާ އަށް ލިބުނީ ހަތަރު ވޯޓެވެ.

ހަޒާންދާރަކަށް ފާތިމަތު ހިމްޔާ އިންތިހާބުކުރިއިރު، އެއެސޯސިއޭޝަންގެ ހިންގާ ބޯޑަށް އިންތިހާބު ކުރީ އައިމިނަތު އަލީ އާއި މުހައްމަދު ހުޝާމަށެވެ.