ޓެލްއަވީވު (6 ޖުލައި 2023): ރަޝިއާގެ ޕާސްޕޯޓެއްގައި އިރާގަށް ގޮސްގެން އުޅުނު އިސްރާއީލުގެ އަންހެނަކު ވަގަށް ނަގާފައިވާކަމަށާއި އޭނާ މިނިވަންކުރުމަށް އިސްރާއީލަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި އެލިޒަބަތު ސޯކޮވް ނަމަކަށްކިޔާ މިއަންހެންމީހާ އިރާގަށް ދިޔައީ އިރާގުގެ ޔުނިވާސިޓީއަކާ ގުޅިގެން ތައުލީމީ ބޭނުމަކަށެވެ. އޭނާ އިރާގުގައި އުޅެނިކޮށް ހަނގުރާމަވެރި ޖަމާއަތަކުން ވަނީ އޭނާ ވަގަށް ނަގާފައެވެ.

އޭނާ ވަގަށްނެގިކަމަށް މިބަޔާނުގައި ބުނެފައިވަނީ އީރާނަށް ތާއީދުކުރާ އިރާގުގެ ޝިޔައީ ހަނގުރާމަވެރި ޖަމާއަތަކުންނެވެ. ނަތަންޔާހޫގެ އޮފީސް ބުނާގޮތުން އެލިޒަބަތު ސޯކޮވް ގެ ސަލާމަތާއި ރައްކާތެރިކަމުގެ ޒިންމާ އުފުލަންޖެހޭނީ އިރާގު ސަރުކާރުންނެވެ.

އެލިޒަބަތު ގެއްލިފައިވާތާ އެތައް މަހެއްވީއިރުވެސް އެއްވެސް ފަރާތަކުން އޭނާ މިނިވަންކުރަން މަސައްކަތް ނުކުރާތީ އާއި އޭނާގެ ހާލަތާމެދު އިރާގުގެ ސަރުކާރުވެސް ދެނެހުރިކަމަށް ނުހަދާތީ ހިތާމަކުރާކަމަށް އިސްރާއީލުގެ ބަޔާން ބުނެއެވެ.

އިރާގުގެ ބައެއް ނޫސްތައް ބުނާގޮތުން އެލިޒަބަތު ސޯކޮވް އަކީ ރަޝިއާގެ ޕާސްޕޯޓާއި އިސްރާއީލުގެ ޕާސްޕޯޓްވެސް އޮންނަ އިސްރާއީލުގެ ޔަހޫދީއެކެވެ. އޭނާ އިރާގަށް އައިސްފައިވަނީ ރަޝިއާގެ ރައްޔިތެއްގެ ގޮތުގައެވެ. އޭނާއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ (މޫސާދު) އަށް ނިސްބަތްވާ ސިއްރު އެޖެންޓެއްކަމަށް އެގައުމުގެ ނޫސްތަކުގައިވެއެވެ.

އެލިޒަބަތުގެ ބޭނުމަކީ ބޭރުފުށުން އިރާގުގައި އެކަޑެމިކް ހަރަކާތްތަކެއްގައި އުޅެގެން އިސްރާއީލަށް ޖާސޫސުކޮށްދިނުމެވެ. އިރާގުގައި އީރާނުގެ ބާރާއި ނުފޫޒު އޮންނަގޮތްތަކާއި މިންވަރު ބެލުމާއި އީރާނަށް ތާއީދުކުރާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަރަކާތްތަކަށް ފާރަލައި މައުލޫމާތު ހޯދައި އެމައުލޫމާތު އިސްރާއީލުގެ ޖާސޫސީ އިދާރާއާ ހިއްސާ ކުރުމެވެ.

އިރާގުގެ ހަނގުރާމަވެރި ޖަމާއަތަކުން އެލިޒަބަތު ވަގަށްނެގީ އޭނާގެ ހަގީގަތް އެޖަމާއަތަށް އެނގިގެންކަމަށްވެއެވެ،. އެކަމުގެ ފަހަތުގައި އީރާނުގެ ޖާސޫސީ އިދާރާގެ އަތެއް ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް އިރާގުގެ ބައެއް ނޫސްތައް ބުނެއެވެ. ބޭރުފުށުން އެލިޒަބަތު އުޅުނު އެކަޑެމިކް ހަރަކާތަކީ އެމެރިކާގެ ޔުނިވާސިޓީއަކުން ޑޮކްޓޯރަލް ޑިސަޓޭޝަން އެއް ހާސިލް ކުރުމަށްޓަކައި އިރާގުގެ ޔުނިވާސިޓީއަކާ ގުޅިގެން އެކަޑެމިކް ރީސާޗް އެއް ހެދުންކަމަށްވެއެވެ. ނަމަވެސް އޭނާގެ ހަގީގީ މަސައްކަތަކީ ޖާސޫސީ މަސައްކަތްތަކެވެ.

އިރާގަކީ އިސްރާއީލާ ދުޝްމަން ގައުމަކަށްވެފައި އިރާގުގައި އީރާނުގެ ބާރު ގަދަކަމުން އިސްރާއީލުގެ މި އަންހެންމީހާ މިނިވަންކުރާނެ ގޮތެއް އަދި އިސްރާއީލަށް ފެންނަން ނެތްކަމަށާއި ނަމަވެސް ތިންވަނަ ގައުމެއްގެ އެހީގައި އެމީހާ މިނިވަންކުރެވޭތޯ އިސްރާއީލުން މަސައްކަތް ކުރަމުންގެންދާކަމަށް ޚަބަރު ލިބެއެވެ.

ދާދިފަހުން ތުރުކީންވެސްވަނީ އިސްރާއީލުގެ ޖާސޫސީ ވިއުގައެއް އަތުލައިގަނެ އެވިއުގައިގައި ހިމެނޭ އެންމެން ހައްޔަރުކޮށްފައެވެ.