02 May 2012, 15:07
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗްތައް ބަނޑޮސް އައިލެންޑް ރިސޯޓާއި ރީތިރަށް އަދި ވިޓަވެލި މޯލްޑިވްސްއިން ކާމިޔާބުކޮށްފި އެވެ.
ތިން ޒޯނަކަށް ބަހައި ލައިންގެން ކުރިއަށްގެންދާ މިމުބާރާތުގައި ޖުމްލަ 17 ޓީމް ވާދަކުރެއެވެ.
މުބާރާތުގެ ފުރަތަމަ ތިން މެޗް އިއްޔެ ފަށާފައި ވާއިރު، އިއްޔެ ކުޅެވުނީ ޒޯން އެކެއްގެ ދެ މެޗާއި ޒޯން ދޭއްގެ އެއްމެޗެވެ.
އެގޮތުން އިއްޔެ ކުޅުނު ޒޯން އެއްކެއްގެ ފުރަތަމަ މެޗް ބަނޑޮސް ކާމިޔާބުކުރީ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓްތައް ބަނޑުހުން ކާމިޔާބު ކޮށްފައި ވަނީ، 25-17، 25-11 އަދި 25-20 އިންނެވެ. އަދި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮހުގެ އިބްރާހިމް ފަލާހެވެ.
ޒޯން އެކެއްގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ރީތި ރަށުން ކާމިޔާބުކުރީ މީރު އައިލެންޑް ރިސޯޓާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓްތައް ރީތި ރަށުން ކާމިޔާބުކުރީ، 25-21، 25-21 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތި ރަށުގެ މުހައްމަދު ޝާހީނެވެ.
ޒޯން ދޭއްގެ ފުރަތަމަ މެޗުގައި އިއްޔެ ކުޅުނު މެޗް ވިޓަވެލި ރިސޯޓުން ކާމިޔާބުކުރީ ރިހިވެލި ބީޗް އައިލެންޑް ރިސޯޓާ ވާދަކޮށް ތިން ސެޓް އެއްސެޓުން ނެވެ.
މެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތައް ބަލާއިރު، ފުރަތަމަ ސެޓް 25-19 އިން ކާމިޔާބުކުރީ ވިޓަވެލި ރިސޯޓުންނެވެ. އަދި ދެ ވަނަ ސެޓް 25-22 އިން ރިހި ވެލި ރިސޯޓު ކާމިޔާބު ކުރިއިރު، ފަހު ދެ ސެޓް ވިޓަވެލިން ކާމިޔާބު ކުރީ 25-20 އަދި 25-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިޓަވެލި ރިސޯޓުގެ މުހައްމަދު ޔާމިންނެވެ.