06 Jul 2023, 15:13
ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބައެއް ރަށްރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިހާތަނަށް އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެއްލުންތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ވިއްސާރައިގައި ގެއްލުން ލިބިފައިވަނީ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށެވެ. އެގޮތުން، ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވާއިރު، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ވައިގަދަވުމުގެ ސަބަބުން ރަށްރަށުގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުމުގެ އެކި ހާދިސާތައް ހިނގާފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ބ. މާޅޮސް، ޅ. ނައިފަރު، ހއ. އިހަވަންދޫ، ކ، މާފުށި، ދިއްފުށި، ތުލުސްދޫ އަދި ހުރާގެ އިތުރުން ފ. ފީއަލި އަދި އއ. ފެރިދޫ ހިމެނެއެވެ.
އޭގެތެރެއިން ފެރިދޫގައި މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެ ގޭގައި ދިރިއުޅުނު މީހުންނަށް އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ތިން ގެޔަކަށް ގެއްލުން ލިބި، ގިނަ އަދަދެއްގެ ގަސް ވެއްޓި ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން، ނައިފަރާއި، އިހަވަންދޫ އަދި ހުރާގެ އިތުރުން ފީއަލިން ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ލިބިފައިވެއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައެވެ. މި ދުވަސްވަރު ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް ކަނޑުދަތުރު ކުރާ ފަރާތްތަކަށް ވެސް އިލްތިމާސް ކޮށްފައެވެ.