މިއަދު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާއިރު ޕާޓީގެ ލީޑާޝިޕުން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ޕާޓީއާއި ރައްޔިތުންނަށް ޓަކައި ހެޔޮއެދިގެންކަމަށް އިދިކޮޅު ލީޑާޝިޕުން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އެ ބޭފުޅުންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިރުޝާދާއެކުކަމަށެވެ.

އެގޮތުން މިހާރު ޕީޕީއެމްގެ ފިކުރާ ތަފާތު ފިކުރެއްކަމަށްވާ ދަ ޑިމޮކްރެޓްސްއާއެކު ކުރާ މަޝްވަރާތަކަކީ ވެސް ރައީސް ޔާމީންގެ އިރުޝާދާއެކު ކުރަމުން އަންނަ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަންނަވާ. ޕާޓީއާއި ރައީސް ޔާމީނަށް ގެއްލުންވާނެ އެއްްވެސް ކަމެއްް ޕީޕީއެމް ޕީއެންސީއަކުން ނުކުރާނެ. ދިވެހި ގައުމަށް ދިވެހި ރައްޔިތުންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނެ. އަޅުގަނޑުމެން ކުރާނެ ކޮންމެ ކަމެއް ކުރާނީ ރައީސް ޔާމީންގެ ލަފާފުޅާއި އިރުޝާދާއެކީގައި، އެ މަނިކުފާނު ވިދާޅުވާ ގޮތަކަށް އެ މަނިކުފާނު ވިދާޅުވާ މިންވަރަކަށް، އެ މަނިކުފާނުގެ ޚިޔާލާއި މަޝްވަރާއާ އެކީ. އެ ޔަގީންކަން ބާއްވަަވާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްވަނީ ޑިމޮކްރެޓްސްއާއެކު އެއްބަސްވެވޭ ކަންތައްތަކާއި އެއްބަސްނުވެވޭ ކަންތައްތައް ހުރިކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރައްވައިފައެވެ.

އެގޮތުން ވަކި ކެނޑިޑޭޓަކު ޕީޕީއެމާއި ޑިމޮކްރެޓްސް ގުޅިގެން ނެރުމަށް ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އެ މަނިކުފާނުގެ ޚިޔާލުފުޅުކަމަށާއި އެ ކަމާ ޕީޕީއެމުން ކަންބޮޑުވެ ރައްދުދޭންވީ ސަބަބެއް ނެތްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކެނޑީޑޭޓަކީ ރައީސް ޔާމީން. އަޅުގަނޑު ދެންމެގައި ވެސް މި ދެންނެވީ ރައީސް ޔާމީންގެ ކެމްޕެއިން ފެށިގެން ވަރަށް ފޯރިއާއެކީ ކުރިއަށް މިދަނީ. ދެން އެހެން ބޭފުޅަކު އެ ބޭފުޅެއްގެ ޚިޔާލު ފާޅުކުރުން އެއީ އަޅުގަނޑުމެން އެ ކަމާ ދޭތެރޭ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދެ ޕާޓީން އެއްބަސްވާ ކަންކަމުގެ މައްޗަށް އަމަލީ ހަރަކާތްތައް ހިންގާ މަންޒަރު ވަރަށް އަވަހަށް ފެންނާނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާވަނީ ޕީޕީއެމުން މިހާރު ފަށައިފައިވާ ދޮރުން ދޮރަށް ހަރަކާތްތައް އަތޮޅު ތެރޭގައި ފަށަން ނިންމައިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ ފުރަތަަމަ އެ ހަރަކާތްތައް ކުރިއަށް ދާނީ ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެންނެވެ.

މިހާރު ޕީޕީއެމުން ދޮރުން ދޮރަށް ހަރަކާތް ހިންގަނީ މާލޭގައެެވެ.