މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާއަށް ޕީޕީއެމް ކައުންސިލަރަކު ހުށަހެޅުއްވި މައްސަލަ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެޖެންޑާ ކުރައްވާފައި ނުވާތީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ މެންބަރުން ހިމެނޭހެން ގިނަ މެންބަރުންތަކެއް ޖަލްސާ ދޫކޮށް ނުކުމެވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާއަށް ކަނޑައަޅާފައިވާ އެޖެންޑާއަށް މޭޔަރު ވޯޓަށް އެހުމުން، ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާން ވަނީ އޭނާ ހުށަހެޅުއްވި ދެ މައްސަލައެއް އެޖެންޑާ ކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ ޖަވާބުގައި މޭޔަރު ވިދާޅުވީ އެޖެންޑާ ކަނޑައަޅާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށާއި، އެޖެންޑާގައި ހިމަނާފައި ނުވާ މައްސަލައަށް ލިޔުމުން ޖަވާބު ދެއްވާނެ ކަމަށެވެ.

އެއަށް ފަހު އެޖެންޑާ ފާސްކުރަން ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުން ވަނީ ތާއީދު ނުކުރާ ކަމަށް ވިދާޅުވެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޖަލްސާ ދޫކުރައްވައި އެންމެ ފުރަތަމަ ނުކުންނެވީ އައިފާން އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ޕީޕީއެމް މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ހިމެނެއެވެ.

ޖަލްސާ ދޫކޮށް ވަޑައިގެންނެވި މެންބަރުން:

  1. އަޙްމަދު އައިފާން

  2. އަޙްމަދު ނަރީޝް
  3. ނިޒްލީ ރަޝީދު
  4. މުޚައްމަދު އަރީހް
  5. މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
  6. މަރިޔަމް ރީހާން ނާޒިމް
  7. މުޚައްމަދު ސައިފް ފާތިހް
  8. އިބްރާހީމް އަބޫބަކުރު
  9. އިބްރާހީމް މުހައްމަދު

"ތާއީދެއް ނޫން ތިހެން ހައްދަވާކަށް، އަޅުގަނޑުމެން ހުށަހަޅާ އެއްޗެހި މިތާ އެޖެންޑާ ކޮށްދެއްވަން ވާނެ. މިއަދު އައިފާން، މާދަމާ ސައިފް، އޭގެ ކުރީ ދުވަހު ޝުޖާއު، އޭގެ ކުރީ ދުވަހު ނާޒިމާ. ތިގޮތަށް އަމަލު ނުކުރެއްވޭނެ." ކައުންސިލަރުން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ ކައުންސިލަރު މައްސަލަ ހުށަހަޅުއްވާފައި ވަނީ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މައްސަލަ ދިމާވީ މިއަދު އެކަނި ކަމަށާއި، މީގެ ކުރިން މެންބަރުން ހުށަހަޅުއްވާ ހުރިހާ މައްސަލައެއް ވެސް އެޖެންޑާ ކުރައްވާ ކަމަށެވެ.

ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރު ކުރިން އެޖެންޑާ ކައުންސިލް މެންބަރުންނަށް ފޮނުވަން ޖެހޭކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މޭޔަރު ވިދާޅުވީ، އެޖެންޑާއަށް ކައުންސިލަރުން ހުށަހަޅަން ބޭނުންވާ މައްސަލަތައް 72 ގަޑިއިރުގެ ކުރިން ހުށަހަޅަން އަސާސީ ގަވާއިދުގައި ބުނާ ކަމަށެވެ.

އަޅުގަނޑު އަބަދުވެސް މީގެ ކުރިންވެސް މެންބަރުން ހުށަހަޅުއްވާ މައްސަލަތައް އެޖެންޑާ ކުރަމުން މި އަންނަނީ. އެ މެންބަރު މައްސަލަ ހުށަހެޅުއްވީ އޮންނަ މުއްދަތުގެ ފަހުން. ދެން އެ މެންބަރު ދެއްކެވި ވާހަކައަށް ތާއީދު ކޮށް ނުކުންނެވި އެހެން މެންބަރުންވެސް ނުކުންނެވީ. އަޅުގަނޑު ދެންނެވިން އަންނަ ހަފުތާއަށް އެޖެންޑާ ކޮށްދޭނަމޭ.މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އަބަދުވެސް އަމަލުކުރަމުންދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި، އެއާ ޚިލާފުވާ އެއްވެސް ގޮތަކަށް އަމަލު ނުކުރައްވާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ 18 މެންބަރުން ތިއްބަވާއިރު، އޭގެތެރެއިން ނުވަ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެން ފައެވެ. އެ މެންބަރުން ޖަލްސާ ދޫކޮށްލުމާއެކު ޖަލްސާގެ ކޯރަމް ގެއްލުމުން ޖަލްސާ ވަނީ ހުއްޓާލާފައެވެ.