02 May 2012, 14:11
އެއާ ނެވިގޭޝަންއާ ބެހޭ ގޮތުން ކެންސޯ އޭޝިއާ ޕެސިފިކް "ވޯލްޑް އޭޓީއެމް" ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުވައިދެއްވައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ ސިވިލް އެއާ ނެވިގޭޝަން ސާވިސަސް (ކެންސޯ) ކޮންފަރެންސްގައި އެމްއޭސީއެލްގެ ސީއީއޯ މުހައްމަދު އިބްރާޙިމް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އޭއާ ޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ކުންފުނި ކެންސޯއަކީ ދުނިޔޭގެ އެއާޓްރެފިކްގެ 85 ޕަސެންޓް މިހާރު ވެސް ހިއްސާ ކުރާ ކުންފުންޏެކެވެ.
އެއާ ނެވިގޭޝަންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކާ އެކު އޮންނަ ވޯލްޑް އޭޓީއެމް ކޮންފަރެންސްގައި އެއާޓްރެފިކް ކޮންޓްރޯލްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ޕޮލިސީތަކަށް ގެންނަ ބަދަލުތަކާ ބެހޭ ގޮތުން އެ ކޮންގްރެސްގައި ބައިވެރިވާ ގައުމުތަކުގެ ޑެލިގޭޓުން މަޝްވަރާ ކުރާނެ އެވެ.
މިއަދުގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އެއާ ނެވިގޭޝަންއަކީ ރާއްޖެ އަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭނެ އިތުރު ފަސޭހައަކަށް ވެގެންދާނެ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑަށް އަންނަމުންދާ ބަދަލުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފެން ތަޣައްޔަރުވެފައިވާ ކަމަށެވެ.