06 Jul 2023, 09:02
ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި އެފްސީ ބައްތިރީސްއިން އެފްސީ ޗިކޯސް ބަލިކޮށްފިއެވެ.
އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މި ފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ މެދުގައި މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ.
އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ރޭ ކުޅުނު މެޗަށް އެފްސީ ޗިކޯސް އިން ނުކުތީ މޮޅުވުމުގެ ރެކޯޑު ދެމެހެއްޓުމަށެވެ. އެ ޓީމުން ވަނީ ފުރަތަމަ ދެ މެޗުގައި ސީސީއެފްސީ އާއި އެފްސީ ހައިނަސް ބަލިކޮށްފައެވެ. ރޭގެ މެޗުގައި ޗިކޯސްއާ ދެކޮޅަށް ނުކުތް ބައްތިރީސްއިން ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވެފައިވަނީ ހަމައެކަނި ހައިނަސް އަތުންނެވެ.
ރޭގެ މެޗުގައި ބައްތިރީސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ޗިކޯސްގެ މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ. އެ މެޗުގައި ފެނުނު ހަމައެކަނި ގޯލު ކާމިޔާބުކުރީ ބައްތިރީސްގެ އަޖުވަދެވެ. ނަމަވެސް އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗިކޯސްގެ ހުސައިން ޝަރީފް (އޮންލީ) އެވެ.
"ގްރޫޕު އޭ"ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ސީސީއެފްސީން ވަނީ 4-2 ގެ ނަތީޖާއަކުން ހުޓިކޮޑާ ސްޕޯޓްސް ބަލިކޮށްފައެވެ. އެ މެޗުގައި ސީސީއެފްސީގެ ރަޝްވާން ރަޝީދު ހެޓްރިކެއް ފުރިހަމަކުރި އިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ފަނީޒެވެ. އަދި، މެޗުގައި ހުޓިކޮޑާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ސުލްތާން ގާސިމާއި ތާލިބު އަލީއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސީސީއެފްސީގެ ރަޝްވާނެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގައި ސީސީއެފްސީ އާއި ހުޓިކޮޑާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް
"ގްރޫޕު ބީ"ގައި ރޭ ކުޅުނު މެޗުގައި އެފްސީ ހެންޑްސަމް ޔުނައިޓެޑުން ވަނީ 4-0 ގެ ނަތީޖާއަކުން ނިއު އޭޖް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި ހެންޑްސަމް ޔުނައިޓެޑްގެ އަހުމަދު ނަޖީބު ދެ ގޯލު ކާމިޔާބުކުރި އިރު، އަހުމަދު ވިޖުދާން ވެސް ގޯލެއް ކާމިޔާބުކުރިއެވެ. އަދި އެޓީމުގެ އަނެއް ގޯލަކީ ނިއު އޭޖް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހެންޑްސަމް ޔުނައިޓެޑުގެ ވިޖުދާނެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
އެ މުބާރާތާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޖަމިއްޔާގެ ފައުންޑަރު މުހައްމަދު ޖަޒްލާން ވިދާޅުވީ މުބާރާތް އިންތިޒާމުކުރެވި ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމަކާއެކު ކަމަށާއި އެހެންކަމުން ރަށުގެ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ނަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮޮތުން އެހީތެރިވަމުން އަންނަ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުބާރާތް މުޅި އަތޮޅަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގުން އަންނަނީ ގެމަނަފުއްޓަށް ޖަމާވަމުން. މުބާރާތަށް ޓީމުތަކުން ލިބިގެން އަންނަނީ އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް،" ޖަޒްލާން ވިދާޅުވިއެވެ.
އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.