މި ނިމުނު ޖޫން މަހުގެ 29ގައި ޑިޒްނީ ހިޓް ސްޓާއިން ޕްރިމިއަކުރި "ދަ ނައިޓް މެނޭޖަރ"ގެ އިތުރު ބައެއް އުފައްދަން އުޅޭކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަނިލް ކަޕޫރު, އަދިތްޔަ ރޯއި ކަޕޫރު އަދި ސޮބީތާ ދުލިޕަލާ ލީޑް ރޯލްއިން ފެނުނު މި ވެބް ސީރީސްގެ އިތުރު ބައެއް އުފައްދަން ވިސްނާފައިވަނީ މިހާތަނަށް ގެނެސްދެވުނު ދެ ބަޔަށްވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަމުންކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ވެބް ސީރީސްގެ ޑައިރެކްޓަރުންކަމަށްވާ ސަންދީޕް މޯދީއާއި ޕްރިޔަންކާ ގޯސޭއާ ޙަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ، "ދަ ނައިޓް މެނޭޖަރ"ގެ ދެވަނަ ބައިގެ ނިމުމާއެކު ބެލުންތެރިން އިންތިޒާރުކުރަނީ މިހާރުގެ ކްލައިމެކްސްއަށްވުރެވެސް ބޮޑަށް ލީޑް ރޯލްއިން ފެނުނު ތަރިންގެ ކުރީގެ ދިރިއުޅުން ދައްކުވައިދޭނެ ބަޔަކަށް ކަމަށެވެ. އެހެންވެ މި ވެބް ސީރީސްގެ އިތުރު ބައެއް ވާހަކަ ގެނެސްދޭނެގޮތާމެދު ތަފާތު އެކި ލިޔުންތެރިންނާއެކު މަޝްވަރާތައް ކުރިޔަށްދާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

"ދަ ނައިޓް މެނޭޖަރ"ގެ ފުރަތަމަ ބައި ޕްރިމިއާކޮށްފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހުއެވެ. މި ކްރައިމް ތްރިލަރ ސީރީސްއަކީ، އިނގިރޭސި ޓެލެވިޒަން ސީރީސް "ދަ ނައިޓް މެނޭޖަރ"ގެ ނަމުގައި 2016ވަނަ އަހަރު ގެނެސްދިން ވެބް ސީރީސްގެ ރިމޭކްއެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ވެބް ސީރީސްގެ ކުރިޔަށް ނެރޭ ބައިގައި ބޮޑަށް ދައްކުވައިދޭނީ ލީޑް ރޯލްއިން ފެންނަ ތިން ކެރެކްޓާއިންގެ މާޒީގައި ކަންތައްތައް ހިނގާފައިވާގޮތެވެ. އަދިތްޔަ ރޯއި ކަޕޫރު ރޯ އެޖެންޓެއްގެ ރޯލްއިން ފެންނަ މި ސީރީސްގައި އަނިލް ކަޕޫރު ފެންނަނީ ވަރަށް ވަރުގަދަ ވިޔަފާރިވެރިއެއްގެ ރޯލްއިންނެވެ. ޤަވާޢިދާ ޚިލާފަށް އަނިލް ކަޕޫރު ހިންގާ ވިޔަފާރީގެ ކުރިމަރާލުމަށް އަދިތްޔަ ރޯއި ކަޕޫރު ކުރާ މަސައްކަތްތަކާއެކު ދެ އެކްޓަރުންގެ ވަރުގަދަ ކުރިމަތިލުންތަކެއް މި ސީރީސްއިން ފެންނާނެއެވެ.

އަނިލް ކަޕޫރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ ޑިސެމްބަރ މަހު 1ގައި ރިލީޒްކުރާ ފިލްމު އެނިމަލްއިންނެވެ. މި ފިލްމުގައި އަނިލް ފެންނާނީ ވަރުގަދަ ގޭންގް ގްރޫޕެއްގެ ބާނީއެއްގެ ރޯލްއިންނެވެ.