ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެ ބޭފުޅުން ވާދަނުކުރައްވައި، އެކުގައި މަސައްކަތް ކުރަންވީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ރޭ ބާއްވާ ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ކަމުނުދާ ކަމަށް ގިނަ ރައްޔިތުން ބުނާ ކަމަށެވެ. އަދި، ރައްޔިތުން ބޭނުންވާ ގޮތް ހޯދައި ދެވޭނީ ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ވާހަކަފުޅާ ގުޅުވައިގެން އަދުރޭ "ސަން"އަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީން އޮތީ ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައި ކަމަށެވެ. އެ ނިންމުން ބަދަލުކުރަން ނޫޅޭ ކަމަށާއި ނަޝީދު ކޮންމެ ގޮތަކަށް ވާހަފުޅު ދެއްކެވި ނަމަވެސް، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ޔާމީން ނުކުންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ލީޑަރުންނަށް އެނގޭނެކަން ރައީސް ޔާމިނު ކުރިމަތި ލައްވައިފިޔާ އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރައްވާނެކަން. އެހެންވީމައި ރައީސް ޔާމީނަށް ވެރިކަން ލިބިދާނެތީ އެކަމާ ކަންބޮޑުވާ ބޭފުޅުން އެވާހަކަ އެގޮތަށް އެ ދައްކަވަނީ،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ހައިކޯޓުގައި ރައީސް ޔާމީނުގެ މައްސަލަ ނިމޭއިރު އެ މަނިކުފާނު މިނިވަންވާނޭކަމުގެ އުއްމީދު އެބައޮތްކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، ޔާމީން ވެރިކަމަށް ކުރިމަތިލެއްވުމާ ބެހޭ ގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ އެއްވެސް މީހަކު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަކީ އެ މަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ އެކި މުނާސަބާތަކުގައި ޔާމިނާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ތަފާތު ވާހަކަތައް ދައްކަވާފައެވެ. މިގޮތުން ޔާމީން ޖަލަށްލީ ދުވަހު ވަރަށް ހިތާމަ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި، ވެރިކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށްލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ވާހަކައަކީ ނަޝީދު ދޭތެރެއަކުން ދައްކަވާ ވާހަކަފުޅެކެވެ.

ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޔާމީންގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ވަނީ ނިމެން ގާތްވެފައެވެ. ނަމަވެސް އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ.