06 Jul 2023, 08:45
މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހަކީ މިހާތަނަށް ތާރީހުގައި ވެސް ރެކޯޑު ކުރެވުނު އެންމެ ހޫނު ގަދަ ދެ ދުވަސް ކަމުގައި އެމެރިކާގެ ތިމާވެށްޓާ ބެހޭ ސެންޓަރުތަކުން ހާމަކޮށްފިއެވެ.
ދުނިޔޭގެ ހޫނު މިން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ވަނީ މުޅި ދުނިޔޭގެ އެވަރެޖު ހޫނު މިން މީގެ ކުރިން އަރާފައިނުވާ މިންވަރަށް އުފުލިފައެވެ. އަދި, މާ ގިނަ އިރު ތަކެއް ނުވެ އޭގެ އެއް ދުވަސް ފަހުން އަންގާރަ ދުވަހު ވަނީ އެ ރެކޯޑު ވެސް މުގުރާލާފައެވެ.
މިދިޔަ ހޯމަ ދުވަހު ދުނިޔޭގެ އެވަރެޖް ފިނި ހޫނު މިން ވަނީ 17.01 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. އެންމެ ފަހުން އެންމެ މަތިން ރެކޯޑު ކުރެވިފައިވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރު ދުނިޔޭގެ ފިނިހޫނު މިން އަރާފައިވަނީ 16.92 އަށެވެ. ނަމަވެސް ހޯމަ ދުވަހުގެ ރެކޯޑު އަނެއްކާ ވެސް ވަނީ މުގުރާލާފައެވެ. އަންގާރަ ދުވަހު ވަނީ މިހާތަނަށް ހޫނު މިން އަރާފައި ނުވާ މިންވަރަކަށް ރެކޯޑު ކުރެވިފައެވެ. އެއީ, 17.18 ޑިގްރީ ސެލްސިއަސްއެވެ. މިއީ ފިނި ހޫނުމިން ރެކޯޑު ކުރަން ފެށިފަހުން އެ އަދަދު އެންމެ މައްޗަށް އަރާފައިވާ މިންވަރެވެ.
ތިމާވެށްޓާ ގުޅޭ މާހިރުން ބުނާގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެން މި މިންވަރު އިތުރަށް މައްޗަށް އަރާތަން ފެންނާނެއެވެ. އަދި, ކުރިއަށް އޮތް ހަ ހަފުތާގެ ތެރޭގައި ރެކޯޑު އެތައް ފަހަރެއްގެ މަތިން މުގުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ލަފާދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މި އަހަރުގެ ތެރޭގައި ވަނީ ރެކޯޑު އަދަދުތަކަށް ހޫނުމިން އުފުލިފައެވެ. ހޫނުމިނާ ގުޅިގެން އުފެދުނު ހީޓް ވޭވް ތަކާއެކު މާޗު މަހުން ފެށިގެން މިހާތަނަށް މެކްސިކޯއިން އެކަނިވެސް ވަނީ 112 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ހަމަ އެއާއެކު އިންޑިއާގެ ބިހާރުން ވެސް މި އަހަރުގެ ތެރޭގައި ހޫނު ގަދަ ވުމުގެ ސަބަބުން 44 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.