މާލޭ މަސްމާރުކޭޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހަ ފަރާތަކުން މަސްމާރުކޭޓް ހިންގުމަށް ބީލަން ހުށަހަޅާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިސްމާއިލް ސުޖާއު(ސުޖާ) ވިދާޅުވީ ހަ ފަރާތަކުން އެކަމަށް ބީލަން ހުށަހަޅާފައިވާއިރު އެ ބީލަންތައް ހުޅުވުމުގެ މަސައްކަތް މިއަދު މެންދުރު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ރޯދަމަސް ފެށެން ވާއިރަށް މަސްމާރކޭޓް ބަޔަކާ ހަވާލުކޮއް ހިދުމަތް ދޭން ފެށުން" ސުޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްމާރުކޭޓް އަމިއްލަ ފަރާތަކާ ހަވާލުކުރުމުން އެތަނުން އައިސް ލިބުމުގެ ހިދުމަތާއި ކެފޭ އަދި ސައި ހޮޓާ ރެސްޓޯރަންޓުންގެ ހިދުމަތްތަކަށްވެސް ކުރިއެރުން އަންނާނޭ ކަމަށެވެ.

"މަސްމާރުކޭޓް ބަޔަކާ ހަވާލު ކުރެއްވުމުން އެތަނުން އައިސް ލިބޭނެ އެތަނުގެ ސާފުތާހިރުކަން ރަގަޅު ކުރެވޭނެ އަދި ކެއިން ބުއިމާ އެހެން ކަނަންތައަތައް ވެސް ރަގަޅުވާނެ" ސުޖާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ މަސްމާރުކޭޓާ ހަވާލުކުރާ ފަރާތްތަކުން އެތަން މަރާމާތު ކުރަން ޖެހޭނެ ކަމަށާއި މާރުކޭޓުގައި މަސްވިއްކާ ފަރާތްތަކަށާއި މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރަން ޖެހޭނޭ ކަމަށެވެ.