ކުރީގެ ފިލްމީ ބަތަލާ ސަނާ ޚާންއާއި ފިރިމީހާ މުފްތީ އަނަސް ސައިދުއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ސަނާ ޚާންއަށް ފިރިހެން ކުއްޖަކު ލިބުނުކަން އަމިއްލަ ސޯޝަލް މީޑިއާގައި ޙިއްސާކުރަމުން ބުނެފައިވަނީ، މަންމައަކަށްވުމަކީ ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އެއް އުފާ ކަމަށެވެ. އަދި ސަނާ އަށާއި ލޯބި ލޯބި ދަރިފުޅަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ހެޔޮ ދުޢާތަކަށް ޝުކުރުވެރިވާކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

ސަނާއާއި ފިރިމީހާ މުފްތީ އަނަސްގެ ކައިވެންޏަށްފަހު ބަލިވެއިންކަން އިޢުލާނުކޮށްފައިވަނީ މިއަހަރުގެ މާރޗްމަހު ކުރީކޮޅުގައެވެ. މަންމައަކަށްވުމުގެ ހުވަފެނަކީ ކޮންމެ އަންހެނަކުވެސް ދެކޭނެ ހުވަފެނެއް ކަމަށާއި ސަނާގެ މާބަނޑު ދުވަސްވަރުވެސް ވަރަށް ތަފާތު ތަޖުރިބާތައް ކުރެވުނު ކަމަށް ވަނީ ބުނެފައެވެ. މީގެކުރިން އިންޑިއާގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ސަނާ ބުނެފައިވަނީ، ދަރިފުޅަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނައިރު އެއީ ދިރިއުޅުމުގެ އެންމެ އުފާވެރި ސޮފްޙާތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ފިލްމީ ދާއިރާއަށް އަލްވަދާޢު ކިޔުމަށްފަހު ސަނާ ވަނީ ދުވަހަކުވެސް ދެން ފިލްމީ ދާއިރާގައި މަސައްކަތް ނުކުރާނެކަމަށް ބުނެފައެވެ. ސަނާއާއި މުފްތީ އަނަސް ސައިދުގެ ކައިވެނި ކުރެވުނީ 2020ވަނަ އަހަރުގައެވެ. ކައިވެންޏަށްފަހު ސަނާ ބޮޑަށް ފެނިފައިވަނީ ފިރިމީހާއާއެކު ޢާއްމުންނަށް ދީނީ މަޢުލޫމާތުދޭ އެކި ދަރުސްތަކުންނެވެ.

މީގެ އިތުރުން އިސްލާމްދީނަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ސަނާއަކީ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ. ސަނާ ވަނީ 2021ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށްވެސް ޒިޔާރަތްކޮށްފައެވެ. ދެމަފިރިންގެ މި ދަތުރުގެ ދުވަސްތައް ހޭދަކޮށްފައިވަނީ، ފިނޮޅު ބާ އަތޮޅުގައެވެ.