މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު ކަމަށްވާ "ބާބީ"ގެ ލައިވް އެކްޝަން ފިލްމު ރާއްޖެއިން ވެސް ފެންނާނެކަން ހާމަވެއްޖެއެވެ.

ގްރެޓާ ގާވިގް ޑައިރެކްޓް ކުރާ ބާބީ ފިލްމަކީ މެޓެލްގެ ބާބީ ބުދަށް މުޅިން އާ ވާހަކައެއް ދިނުމަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު އިއުލާން ކުރުމާ އެކު އެތައް ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ. ފިލްމަށް އޮތް ހައިޕް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ އިރު އެތައް ބަޔަކު ކެތްމަދުވެފައި ތިބީ ފިލްމުގެ ރޭޓިން ތަކަށެވެ.

އަހަރުގެ އެންމެ ބޮޑު ފިލްމު ރިލީޒް ކުރާއިރު ދިވެހިންގެ މެދުގައި އުފެދިފައިވާ ސުވާލަކީ ރާއްޖެއިން ފިލްމު ބަލާލަން ލިބޭނެ ކަމުގެ ސުވާލެވެ. ބައެއް ފަހަރަށް ބޮޑެތި ފިލްމުތައް ރާއްޖޭގައި ނުދައްކާ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ބޭރުގެ ބޮޑެތި ފިލްމުތައް އަޅުވާ "ޝްވެކް ސިނަމާ" އިން މިދިޔަ މަހުގެ ތެރޭގައި "ސްޕައިޑަމޭން"ގެ އެނިމޭޓެޑް ފިލްމު އަޅުވާފައި ނުވުމުން އެތައް ބައެއް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި, އެ ރިލީޒް ނުކުރުމާ ގުޅިގެން އިތުރު ބައެއް ފިލްމުތައް ވެސް ނުދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ޝްވެކްގެ ކުރިއަށް އޮތް ފިލްމުތަކުގެ ލިސްޓުގައި ބާބީ ހިމަނާފައި އޮތުމަކީ ފިލްމު އަޅުވާނެ ކަމުގެ ފެހި ސިގްނަލެކެވެ. ބާބީގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ކްރިސްޓޮފާ ނޯލަންގެ "އޯޕެންހައިމާ" ވެސް ޝްވެކްއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ފިލްމުވެސް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ގައެވެ. ނަމަވެސް މާލޭގައި ފިލްމު ދައްކަން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. ޝްވެކް އިން ޓިކެޓް ދޫކުރަން ފަށާނީ ފިލްމު ރިލީޒް ކުރުމުގެ ހަފުތާ އެއް ކުރިންނެވެ. އެހެންވީމާ އަދި ޓިކެޓް ދޫކުރުމަށް ދުވަސް އެބަ އޮތެވެ.