ބަންދުގައި ހުންނެވި ކުރީގެ ނައިބުރައީސް އަހުމަދު އަދީބަށް އައިޖީއެމްއެޗް އެމަޖެންސީ ރޫމުގައި ފަރުވާދޭން ފަށައިފިއެވެ.

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނެ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން ބުނީ، އަދީބުގެ ހާލުކޮޅު އެ ހޮސްޕިޓަލުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކިޑްނީ މައްސަލަތަކަކާ ގުޅިގެން 2018 ވަނަ އަހަރު ވެސް އަދީބު އައިޖީއެމްއެޗުން ފަރުވާ ހޯއްދެވިއެވެ. އެގޮތުން އެފަހަރު އަދީބުގެ ވައަތު ކިޑްނީގައި އުފެދިފައިވާ ހިލަތައް ލޭޒާ ބޭނުންކޮށްގެން ގޮއްވާ ސާޖަރީއެއް ހަދާފައިވެއެވެ.

އެފަހަރު ވައަތު ކިޑްނީގައި ހުރި ހިލަތައް ގޮއްވި ނަމަވެސް، ކަނާއަތު ކިޑްނީގައި ހުރި ހިލަތައް ނެގުމަށް ޑޮކްޓަރު ވަނީ ލަފާދީފައެވެ. ނަމަވެސް މިހާތަނަށް އާއިރު ހިލަތައް ނަގާފައެއް ނުވެއެވެ.

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ގެންދަވަނީ ލޮލުގެ ވަރަށް ސީރިއަސް ބައްޔެއްކަމަށްވާ ގުލްކޯމާވެސް ތަހައްމަލު ކުރައްވަމުންނެވެ. މި ބައްޔަކީ ކުރީކޮޅު އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ލޮލުގެ ފެނުން އުމުރަށް ގެއްލޭ ބައްޔެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ރާއްޖެއިން ފަރުވާ ނުކުރެވޭ މި ބައްޔަށް ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ޑޮކްޓަރުން ވަނީ 2015 ވަނަ އަހަރު ލަފާދީފައެވެ.

އެމްއެމްޕީއާރުސީން ވިއްކި ރަށްތަކެއްގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރިކަމަށް ބުނެ ޝަރީއަތް ކުރަމުންދާ އަދީބު މިހާރު ހުންނެވީ ގޭ ބަންދުގައެވެ. އަދީބް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ.

އަދީބްގޭ ބަންދަށް ބަދަލުކޮށްފައިވަނީ ޖަލުގައި ހުންނެވުމުގެ ސަބަބުން ހާލު ގޯސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭތާ ދުވަސްތަކެއް ފަހުންނެވެ.