ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުވެސް އަދި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ވާދަނުކުރައްވައި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މިރޭ ބާއްވާ ޖަލްސާގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި އެމްއެންޕީ އާއި އެމްއާރުއެމް އަދި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ތިބިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ކަމުނުދާ ކަމަށް ގިނަ ރައްޔިތުން ބުނާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެކަމަށް ގޮތެއް ހޯދަން. އަޅުގަނޑުމެންނަކީ ސިޔާސީ ވެރިންގެ ގޮތުގައި ސިޔާސީ ލީޑަރުންގެ ގޮތުގައި ސިޔާސީ ޕާޓީތައް އުފައްދައިގެން ތިބި މީހުންގެ ގޮތުގައި އަޅުގަނޑުމެން ބުނަނީ ނަމަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ވާޖިބެއް އެބައޮތް. އަޅުގަނޑުވެސް ގޮތް ދޫކުރުން. ޕީޕީއެމް، ޕީއެންސީ ވެސް ގޮތް ދޫކުރުން އަދި އެހެން ޕާޓީތައް ވެސް ގޮތް ދޫކުރުން،" ނަޝީދު ވިދާޅުވިއެވެ.

އެއް ޕާޓީއިން އަނެއް ޕާޓީއާ މަޝްވަރާކޮށް، ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވާ ގޮތް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބާ ގުޅުވައިގެން ޚިޔާލު ހޯދުމުގެ ވޯޓުތައް ނަގާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރައީސަށް 15 ޕަސެންޓް ތާއިދު ލިބިލައްވާއިރު ޔާމީނަށް 18 ޕަސެންޓް މީހުންގެ ތާއިދު ލިބޭ ކަމަށެވެ.

މީގެ އިތުރުން، ނަޝީދު އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި ވެސް ނުވަނީސް އެމަނިކުފާނަށް ވެސް ހަ ޕަސެންޓް މީހުންގެ ތާއިދު އޮތްކަން ވޯޓުތަކުން ދައްކާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ނަޝީދު ފާހަގަކުރެއްވީ، ރައީސް ޔާމީނަކީ ގައުމަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅެއް ކަމެވެ. އަދި އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތިނުލާ އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް އަޅުގަނޑުމެން ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަގްސަދަކަށް ވާން ޖެހޭނީ ދިވެހި ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ހޯދައިދިނުންކަމަށެވެ. އެގޮތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ އެ ރައްޔިތުންގެ ކަންކަމާ އުޅެ އެމީހުންގެ ދިރިއުޅުން ލުއި ފަސޭހަކުރުން ކަމަށެވެ. އެގޮތުން ޑިމޮކްރެޓުންގެ އެންމެ ބޮޑު އަމާޒަކީ އެ ހުރިހާ ކަމެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ވާދަވެރިންނާއެކު ސިޔާސީ ޕާޓީއެއް އުފަންދަން ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ބޭނުމަކީ އެއް މޭޒެއްގެ ދޮށުގައި ވާދަވެރި ސިޔާސީ މަޝްވަރާއެއް ހިންގައި ދެފަރާތަށްވެސް އެންމެ ހެޔޮވާނެ ގޮތަށް ކަންކަން ނިންމުން ކަމަށެވެ.

"ވެރިކަން ގެއްލުނު ނަމަވެސް މިވެނި ކަމެއް ކުރާން ޖެހޭނެ. ވެރިކަމުގައި ނެތަސްވެސް މިވެނި މަސައްކަތެއް ހިންގަން ޖެހޭނޭ ކަމަށް ދެކިގެން އެ މަސައްކަތް ކުރުމަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބުން," ނަޝީދު ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މިރޭ ބާއްވާ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. .