05 Jul 2023, 21:13
ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ނިމުމަކަށް އައިސްފިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 12ގައެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން އެންގުމުން އެ ކަންކަން އިސްލާހު ކުރުމަށް ފަހު ދެވަނަ ފަހަރަށް ހުށެހެޅީ މާޗު މަހުގެ 15 ގައެވެ.
އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދިފާއުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅާފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން ވަނީ އެ ނުކުތާތަކަށް ރައްދު ދެއްވާފައެވެ. އަދި އެއަށްފަހު އޮތީ ދައުލަތުގެ ވާހަކަތަކަށް ދިފާއުން ރައްދު ދިނުމެވެ.
ނަމަވެސް މެންދުރު ދޭއްޖެހި ފަހުން ފެށި އަޑުއެހުން ހައެއް ޖެހިއިރު ވެސް ނިމިފައި ނުވާއިރު ދިފާއުން ވަނީ ދައުލަތަށް ރައްދު ދެއްވުމަށް ގަޑިއެއްހާއިރު ނަގާނެ ކަމަށް ބުނެފައެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލުމަށް ބެންޗުން ވަނީ ނިންމާފައެވެ.
"އަޅުގަނޑުމެން އުންމީދުކުރީ މިއަދު ރިޝްވަތު ހިފުމާ ގުޅޭ ގޮތުން ދެ ފަރާތުން ހުށަހެޅުމަށް ބޭނުންވާ ކަންކަން ހުށަހަޅައި ނިންމާލެވޭނެ ކަމަށް. އެހެނަސް އަޅުގަނޑުމެން ލަފާކުރި ވަގުތުގެ ތެރޭގައި އެކަން ނިމިފަ ނުވާތީ އަޅުގަނޑު މިއަދުގެ ޝަރީއަތް ނިންމާލާނަން," ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވިއެވެ.
އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި ޔާމީންގެ ފަރާތުން ދައުލަތަށް ރައްދު ދެއްވައި ނިންމާލާނެއެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ އަވަސްކުރަން އެމަނިކުފާނުގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.