02 May 2012, 13:06
ދިވެހި ފުޓްބޯޅަ އަށް ވަނީ ކެންސަރުޖެހިފައި ކަމަށް ބޭރުގެ ތަޖުރިބާކާރުން ދެކެމުން އަންނަ ކަމަށް އެފްއޭއެމުގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި "އެފްއޭއެމް އެވޯޑް" ނައިޓުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، "އެއްފަހަރާ އެއްބަލިއެނދުގައި ވޭން އަޅައަޅާ، ދެކޮޅަށް ތެޅިތެޅިވާ ދިވެހި ފުޓްބޯޅައާ ދިމާލަށް ބަލައިލުމުން ފެންނާން އޮތީ ކަންބޮޑުވުމާއި ހައިރާންކަން،"ކަމަށެވެ.
އަދި ދިވެހި ފުޓްބޯޅައަށް ޖެހިފައި ވަނީ ކެންސަރުކަން ރާއްޖެއިން ބޭރުން އެކްސްޕާޓުން ވިދާޅުވާތީވެ، ދިވެހި ފުޓްބޯޅަ އިސްލާހުކުރުމަށް މިއަދު އެފްއޭއެމްއިން ކުރިމަތިލާން ޖެހޭނީ އެންމެހާ ހިތްވަރާ، އަޒުމާއެކު ކަމަށް އެ އެކްސްޕާޓުން ވިދާޅުވި ކަމަށް އާޒިމް ވިދާޅުވި އެވެ.
"ބަލިމީހާގައިގައި އަތްލާނެ އުސޫލެއް ގަވާއިދެއް ހަމައެއް ނެތް. ފޮލޯކުރާނެ ޕްރޮސީޖާއެއް ނެތް. އިހައް އަޅުގަނޑުމެންގެ އެގްޒެކްޓިވް ކޮމެޓީއާ އަޅުނގަޑާ ޖެހުނީ މި ޤަވާއިދުތައް އެކުލަވާލާ ހަދަން. ލިބިފައިވާ ބާރު އެންމެ ފުޅާމިނަށް މާނަކޮށް ބަލިމީހާއަށް އެހީވުމާއެކު ގަވާއިދާ އުސޫލް ދިޔައީ ހަދަމުން. ބަލިމީހާ ގައިގައި އަތްލުމުގެ ކުރިން ލިއުމުންވެސް ދެފަރާތް އެއްބަސް ވާންޖެހޭ. އޮޕަރޭޝަން ތިއޭޓާ އަދި މުޅި އޮގަނައިޒޭޝަންވެސް ވަނީ ވަރަށް ނިކަމެތި ހާލެއްގައި. އަތައްލައްވާނެ އަންގިއެއް، އަނގަޔާ ނޭފަތް ނިވާކުރާނޭ މާސްކެއް، ހިފާގެން ގުޅޭނެ ސާމާނެއް އެތާތެރެއަކު ނެތް." އެފްއޭއެމުގެ ހާލަތު ބަޔާންކުރައްވަމުން ހަފުލާގައި އާޒިމް ވިދާޅުވިއެވެ.
އެފްއޭއެމުން ހޮވި ހުސްވި އަހަރުގެ މޮޅު ކުޅުންތެރިޔާ އަކީ ނިއު އަށް ކުޅެން މިއަހަރު ބަދަލުވި ވިކްޓަރީގެ އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. ދެވަނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނުއިރު ތިން ވަނަ ލިބުނީ މުހައްމަދު އާރިފް (ބަކާ) އަށެވެ. ހުސްވި އަހަރުގެ ރަންބޫޓު ލިބުނީ ވެސް އޮއްޕޮ އަށެވެ. އެންމެ މޮޅު ޓީމަކީ ވީބީ އެވެ. ސަޕޯޓާސް އެވޯޑް ލިބުނ ބަކާ އަށާއި ނިއު ރޭޑިއަންޓަށެވެ. ހިތްވަރު ދިނުމުގެ އިނާމް ލިބުނީ ގައުމީ ޓީމުގެ ކިޓް މެނޭޖަރު ހަސަން ނިޒާރު (ބޮޑޭ) އަށާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިބްރާހީމް ނޫރައްދީނަށެވެ.
އެވޯޑް ނައިޓުގައ އާޒިމް ވިދާޅުވީ، އެފްއޭއެމްގެ ރައީސްކަމާ އޭނާ ހަވާލުވުމަށް ފަހު އޭނާގެ އެގްޒެކްޓިވް ބޯޑުގެ ބޭފުޅުންނާއެކު އޭރުވެސް ދިޔައީ ގަވާއިދު ހަދަމުން ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ސާމާނާއި ތަކެތި ތިޔައީ ހޯދަމުން ކަމަށެވެ. އެގޮތުން މިހާރު އެކަންކަން ނިންމާފައި ވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"މިއަދު ފަހުރުވެރިކާމާއެކު ބުނަންޖެހޭނީ އެކަންކަން މިހާރު ވަނީ ނިންމާފައި. މިއަދު އަޅުނގަޑާ އަޅުގަނަޑުގެ މެންބަރުން މިތިބީ ދިވެހި ފުޓްބޯޅަ އިސްލާހުކުރުމަށް އަތުކުރި އޮޅައި ލައިގެން. އެ އަޒުމް ކަޑައަޅައިގެން." އާޒިމް ވިދާޅުވިއެވެ.
"ދިވެހި ފުޓްބޯޅައިން ނައްތާލަންޖެހޭ ތަނެއް ނައްތާލާ. ބުރިކުރަންޖެހޭ ގުނަވަނެއް ބުރިކުރަން ތައްޔާރު،" ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި މިފަދައިން އަމަލު ކުރާއިރު އެކަންކަމަކީ ވޭންއަޅާނެ، ވަކިން ހާއްސަކޮށް ފުޓްބޯޅަ އާއިލާގެ މީހުންނަށް ވޭންއަޅާނެ އަދި ތަހަންމަލް ކުރަން އުދަގޫ ވާނެ ކަންކަން ކަމަށްވެސް އެރޭގެ އަފުލާގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވިއެވެ.
"ނަމަވެސް ހިތް ވަރުކުރާތި. އިރާދަކުރެއްވީއްޔާ މިބަލިން ދިވެހި ފުޓްބޯޅަ ސަލާމަތް ކުރާނަން. ދިވެހި ފުޓްބޯޅައަށް ދިރުން ގެނެސްދޭނަން." އާޒިމް ވިދާޅުވިއެވެ.