އަލަށް އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ސޮއިކުރައްވައިފިއެވެ.

ނަޝީދު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ މިރޭ އާޓިފިޝަލް ބީޗުގައި އެ ކަމަށް ޚާއްސަކޮށް ބޭއްވި ޖަލްސާގައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ މި މަހުގެ ދެވަނަ ދުވަހު ދިނުމާއެކު ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްޑީޕީގައި ނަޝީދު ހިންގެވި "ފިކުރެއްގެ ދިރުން" ގޮތްޕަށް އޭރު ތާއީދު ކުރެއްވި މެންބަރުންނެވެ. އެ ޕާޓީ އުފެއްދުމަށްޓަކައި ނަޝީދަށް ތާއިދު ކުރައްވާ ގިނަ މެންބަރުންތަކެއް މިދިޔަ މެއި މަހު އެއް ފަހަރާ އެމްޑީޕީން ވަކިވިއެވެ.

ނަމަވެސް އެމްޑީޕީގެ ކޮންޓްރޯލް ހޯއްދަވާނެ ކަމަށް ވިދާޅުވެ ނަޝީދު އެ ޕާޓީގައި މަޑުކުރެއްވިއެވެ.

އެއަށް ފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ނަޝީދު ވަނީ އެ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޕާޓީން ވަކިވެވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެކަން އިއުލާން ކޮށްފައިވާއިރު، އެ ކެންޑިޑޭޓަކީ ނަޝީދަށް ވުން އެކަށީގެންވެއެވެ.

މިހާރު ޑިމޮކްރެޓްސްއިން އަތޮޅު ތެރޭގައާއި މާލޭގައި ސިޔާސީ ހަރަކާތް ހިންގަމުން އަންނައިރު ސަރުކާރު ބަދަލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްއިން އަންނަނީ އިދިކޮޅު ޕީޕީއެމާ އެކު މަސައްކަތް ކުރަމުންނެވެ.