05 Jul 2023, 18:38
ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ޔުނައިޓެޑަށް މައުންޓް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑް (76 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އުމުރުން 24 އަހަރުގެ މައުންޓް، ޔުނައިޓެޑާ ގުޅުނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
ޔުނައިޓެޑުން ވަނީ މައުންޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ހުށަހެޅި ފުރަތަމަ ދެ ބިޑު ޗެލްސީން ގަބޫލުނުކުރި ނަމަވެސް، ޔުނައިޓެޑުން ތިންވަނަ ބިޑަކަށް ވެސް ދިޔައެވެ. އެގޮތުން އެ ކްލަބަށް ކާމިޔާބުވެފައިވަނީ ތިންވަނައަށް ކުރި ބިޑެވެ.
ޔުނައިޓެޑާ ގުޅުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް މައުންޓް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެން ކުޑައިރުން ފެށިގެން ކުޅެމުންދިޔަ ކްލަބާ ދުރަށް ދާން ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށްވީ ކަމަށާއި ނަމަވެސް ޔުނައިޓެޑަކީ މިހާރު އޭނާގެ ކެރިއަރުގެ އާ މަރުހަލާ ކަމަށެވެ. އަދި ޔުނައިޓެޑުގެ ސްކޮޑުގެ ވަރުގަދަކަން އެނގޭ ކަމަށް ވެސް މައުންޓް ބުންޏެވެ.
މައުންޓަކީ ޗެލްސީގެ އެކަޑަމީން ތަމްރީނުވެގެންދިޔަ ކުޅުންތެރިއެކެވެ. ޗެލްސީގެ ސީނިއާ ކްލަބަށް 2017 ވަނަ އަހަރުން ފެށިގެން ކުޅެމުންދިޔަ މައުންޓް ވަނީ އެ ކްލަބަށް 195 މެޗު ކުޅެ، 33 ގޯލު ޖަހައި، 37 އެސިސްޓް ހަދައިފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑުގައި މައުންޓް ބޭނުންކުރާނީ ޑޭވިޑް ބެކަމާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ލެޖެންޑުން ބޭނުންކުރި ހަތް ނަމްބަރުގެ ޖާޒީއެވެ.