އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި މި މައްސަލައިގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ވެސް ހިންގަމުން އަންނަ ކަމަށެވެ.

މިމައްސަލަ އެންމެ ފުރަތަމަ ރިޕޯޓް ކުރި ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ވަނީ މި ތަހުގީގު ކުރަމުން އަންނަނިކޮށް ތަހުގީގުގެ ތެރެއިން މައްސަލައިގެ ހަގީގަތް އޮޅުވާލަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ، މިފަދަ ސީރިއަސް މައްސަލަތަކުގައި އެކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވުމަށް ޓަކައި އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ޚަބަރެއް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް، މައުލޫމާތުގެ ސައްހަކަށް ކަށަވަރު ކުރުމެއް ނެތި އެފަދަ ޒިންމާދާރުކަން ކުޑަ ޚަބަރު ޝާއިރު ކުރުމަކީ ފުލުހުންގެ އިދާރާ އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި އޮފިޝަލް ވިދާޅުވިއެވެ.