ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކޮށްފިއެވެ.

ފުލުހުން "ސަން"އަށް ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު މަމްދޫހް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.

މަމްދޫހަކީ ކޭ ޕާކު ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކޭ ޕާކް މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލި ފަހުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މަމްދޫހްގެ ޕާސްޕޯޓް ދޫކޮށްލީ އޭނާގެ އަނބިމީހާ ވިހައިގެން އުޅޭތީ، އަނބިމީހާ ކައިރިއަށް ދިޔުމަށް 45 ދުވަސް ދިނުމަށް އެދުމުންނެވެ.

ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ. އަދި ކޭ-ޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން ކޭޕާކު އެޕާޓްމެންޓުތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަމްދޫހު ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި މިއީ ހަމްބޯ މޯލްޑިވްސް އަނެއް ހިއްސާދާރު ޗައިނާގެ ޖިން ޝީ ހޫ ކުންފުނީގެ ބޯޑު ސެކެޓްރީކަމަށް، ކޭޕާކް ފްލެޓްތަކުގައި ބިއްލޫރިޖެހުމުގެ މަސައްކަތް ނެގި ދިވެހި ކޮންޓްރެކްޓަރު އައްޔަނުކުރުމަށް ހުށަހެޅުމުން އެކަމާ ދެކޮޅު ހެދުމުން، އެ ކޮންޓްރެކްޓަރާ ގުޅިގެން ރާވާފައިވާ ރޭވުމެއްކަމަށް މަންޑޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި މައްސަލައިގައި ޝާމިލުވާ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވެއެވެ.